Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

ހުޅުމާލެއިން ޔޫތު މިނިސްޓްރީ އަށް ބިމެއް ދީފި

ކުޅިވަރާއި އެހެނިހެން ރެކްރިއޭޝަނަލް ހަރަކާތްތަކަށް ހިންގުމަށް ހުޅުމާލެއިން ބިމެއް ޔޫތު މިނިސްޓްރީ އާއި ހަވާލުކޮށްފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން ޔޫތް މިނިސްޓްރީއާއި ހަވާލު ކުރި މި ބިމަކީ، 5.4 ހެކްޓަރުގެ ބިމެކެވެ. މި ބިން ޔޫތު މިނިސްޓްރީއާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި، ބިމާއި ހަވާލުވެ ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަހުމަދު މަހުލޫފްއެވެ. އާބަންކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު އާތިފްއެވެ.

އާބަންކޯ ކުންފުނިން ބުނި ގޮތުގައި ހުޅުމާލެ އާބަން ސިޓީއެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް އެކުންފުނިން ވަރަށް ބޮޑަށް އިސްކަން ދޭ ކަމަށެވެ. މި އެއްބަސްވުމުގެ ބޭނުމަކީ، ޒުވާނުންނާ ގުޅުންހުރި ކުޅިވަރުތަކާއި، އެހެނިހެން ރިކްރިއޭޝަން ހަރަކާތްތަކަށް ހުޅުމާލޭގައި ފުރުސަތު ހޯދައިދިނުން ކަމަށް އާބަންކޯއިން ބުނެއެވެ.

ޔޫތު މިނިސްޓްރިއާއި ބިން ހަވާލުކުރީ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަލް ޑެވެލޮޕްމެންޓަށް ކަމަށް އާބަންކޯއިން ބުނެފައި ވީ ނަމަވެސް މިތަން ތަރައްޤީ ކުރެވޭނެ ގޮތުގެ އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ.