Last Updated: July 15, 18:06
Thursday, July 16, 2026
ކުޅިވަރު

ސައުދީ ކިންގް ކަޕުން ރޮނާލްޑޯގެ ނަސްރު ކަޓައިފި

ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ސައުދީ އަރަބިއްޔާގެ އަލް ނަސްރު 1-0 އިން އަލް ވެހްދާ އަތުން ބަލިވެ، ސައުދީ ކިންގް ކަޕްގެ ފައިނަލަށް ނުގޮސް ކަޓައިފި އެވެ.

އަލް ނަސްރުގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 10 ވަނަ މިނެޓްގައި ނަސްރަށް ލީޑު ނަގައިދޭން ރޮނާލްޑޯ އަށް މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ. އެގޮތުން އަލް ވެހްދާގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ މުޅިން ހުހަށް ހުރެ ރޮނާލްޑޯ ފޮނުވާލުމުން މަތަކުރީ ވެހްދާގެ ގޯލްކީޕަރު މުނީރު އެވެ.

ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ވެހްދާ އަށް ކާމިޔާބުކޮށްދިނީ މެޗުގެ 23 ވަނަ މިނެޓްގައި ޖީން ޑޭވިޑް ބޫގެލް އެވެ. ބޫގެލް މި ގޯލު ކާމިޔާބު ކުރީ ނަސްރުގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ބައިސްކަލް ކިކަކުންނެވެ.

ނަތީޖާ އެއްވަރުކޮށްލަން މި މެޗުގައި ނަސްރަށް ގިނަ ފުރުސަތުތަކެއް ލިބުނު އިރު އެޓީމުން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ވެހްދާގެ ގޯލްކީޕަރުގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ. އަދި މެޗުގެ ފަހު ވަގުތުކޮޅުތެރޭ ރޮނާލްޑޯ ފޮނުވާލި ބާރު ހަމަލާއެއް ވެހްދާގެ ގޯލުގެ ދަނޑި އަށް ވެސް އަމާޒުވެފައިވެ އެވެ.

މުބާރާތުގެ ފައިނަލްގައި ވެހްދާ ބައްދަލުކުރާނީ އަލް ހިލާލްއާ އެވެ.

އަލް ނަސްރު މީގެކުރިން ވަނީ ސައުދީ ސުޕަ ކަޕުން ވެސް ކަޓައިފަ އެވެ. އެޓީމު މިވަގުތު އޮތީ ސައުދީ ލީގުގެ ދެވަނައިގަ އެވެ.