Last Updated: June 20, 09:55
Saturday, June 20, 2026
ޚަބަރު

އިރުތިޝާމްގެ ބައްޕަ އަވަހާރަވެއްޖެ

ކުރީގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމްގެ ބައްޕަ ބުޗާގޭ ދޮންމަނިކު ރޭ އަވަހާރަވެއްޖެ އެވެ.

އުމުރުން 91 އަހަރުގައި އޮސްޓްރޭލިއާގައި އަވަހާރަވި ބުޗާގޭ ދޮންމަނިކަކީ ދައުލަތަށް ވަރަށް ގިނަ ހިދުމަތްކުރައްވާފައި ބޭފުޅެކެވެ. އޭނަ އެންމެ ފަހުން އަދާކުރެއްވީ ކުރީގެ ފިލްމު ސެންސަރު ބޯޑުގެ ޗެއާމަންކަމުގެ މަގާމެވެ. އެ މަގާމަށް ދޮންމަނިކު އައްޔަންކުރެއްވީ މާޗް 25، 1980 ގަ އެވެ.

ސަރުކާރަށް 40 އަހަރު ހިދުމަތް ކުރައްވައިގެން ދޮންމަނިކަށް ދެވަނަ ޕެންޝަން ލިބިވަޑައިގަތީ އެ މަގާމުގައި ހުންނަވަނިކޮށެވެ.

އޭނަ އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި މަހްކަމަތުލް އަމަންއާންމުގެ ސެކްރެޓަރީކަމާއި ތަހުގީގު ކޮމިޓީގެ ސެކްރެޓަރީކަމާއި ވުޒާރަތުއް ދާޚިލިއްޔާގެ ހާއްސަ ވަކީލުކަމާއި ޕަބްލިކް މެއިންޓެނަންސް ޑިވިޝަންގެ ވަކީލުކަމާއި ޕޯސްޓް މާސްޓަކަމުގެ މަގާމާއި ކޮންޓްރޯލާ އޮފް ކޮމިއުނިކަބްލް ޑިޒީޒަސް ޑިވިޝަންގެ ވަކީލް ކަމުގެ މަގާމާއި މެރިން ޑިވިޝަންގެ ވަކީލުކަމުގެ އިތުރުން ރ. އަތޮޅުގެ އަތޮޅުވެރިކަން ވެސް ހިމެނެ އެވެ.