އެންމެ ފަހުން ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލި ކަމަށް ބުނި ފޮކްސް ނިއުސްގެ ހޯސްޓް ޓަކާ ކާލްސަން އެތަނުން ވަކިވެއްޖެ އެވެ.
އޭނާ ފޮކްސް ނިއުސްއިން ވަކިވީ އެމެރިކާގެ އިންތިހާބުތަކުގައި ބޭނުން ކުރާ ވޯޓު މެޝިން އުފައްދާ ޑޮމިނިއަން ފޮކްސްއާ ދެކޮޅަށް ކުރި އަބުރުގެ ދައުވާގެ ބަދަލުގެ ގޮތުގައި 787.5 މިލިއަން ޑޮލަރު އެ ކުންފުނިން ދޭން އެއްބަސްވިތާ ހަފުތާއެއް ތެރޭގަ އެވެ.
ފޮކްސްއިން އިއްޔެ ނެރުނު ބަޔާނެއްގައި އެކަން ޔަގީންކޮށްދީ އެ ކުންފުންޏަށް ޓަކާ ކޮށްދީފައިވާ ޙިދުމަތަށް ޝުކުރު އަދާކޮށްފައިވެ އެވެ.
ޓަކާ، 53، ގެ "ޓަކާ ކާލްސަން ޓުނައިޓް" ޝޯ އަކީ ފޮކްސްގެ ޕްރައިމް ޓައިމްގައި 2016 ވަނަ އަހަރުން ފެށިގެން އޭނާ ހުށަހަޅައި ދެމުން އައި ޝޯއެކެވެ. މި ޝޯގެ ތެރެއިން އިންތިހާބު ދުވަސްވަރު ބައިޑެން މޮޅުވިކަން ހާމަކުރުމާއިއެކު ވޯޓު އޮޅުވާލި ކަމަށް ވަރަށް ބޮޑަށް ވާހަކަ ދެއްކި އެވެ. އެގޮތުން ރައީސް ޖޯ ބައިޑެން އެ ނޫން ގޮތަކަށް އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް އެމެރިކާގެ އޭރުގެ ރައީސް ޓްރަމްޕުގެ ޓީމުން ދެއްކި ވާހަކަތަކަށް ހިއްވަރުދީ ވާހަކަ ދައްކާފައިވެ އެވެ.
ނަމަވެސް ޑޮނަލްޑް ޓްރަމްޕްގެ ޓީމުން ދެއްކި ވާހަކަތައް ޙުދު އޭނާވެސް ޤަބޫލު ނުކުރާ ކަމަށް ދޭހެވާ ގޮތަށް، އޭނާއާ އެކު ފޮކްސްގައި މަސައްކަތްކުރި މީހުންނަށް ކޮށްފައިވާ ބައެއް މެސެޖްތައް ދާދި ފަހުން ވަނީ ޑޮމިނިއަންއިން ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއިން ފެންމަތިވެފައިވެ އެވެ.
މިއާ އެކީ ފޮކްސް ނިއުސް އިން އިންތިހާބު އޮޅުވާލުމުގެ ވާހަކަ ގެނެސްދިނީ ކަނޑައެޅިގެން އެނގި ތިބެ މީހުންނަށް އޮޅުވާލަން ކަމަށް ޑޮމިނިއަން އިން ވަނީ ދައުވާކޮށްފަ އެވެ.
"ޓަކާގެ ޝޯ އަކީ އެމެރިކާގެ 25-54 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނަށް އެންމެ މަޤްބޫލު އަދި އެންމެ ގިނަ މީހުން ބަލާ އެއް ޝޯ ކަމަށް ބައެއް ޓީވީ ޝޯ ރޭޓިންތަކުގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށް ރޮއިޓާސް އިން ބުނެ އެވެ. އެގޮތުން މި ޝޯ ދައްކާ ކޮންމެ ފަހަރަކުވެސް މަދުވެގެން 3 މިލިއަން މީހުން އެ ބަލާ ކަމަށްވެ އެވެ.