ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރަން ގެންގުޅުނު އެފްކޮންސްގެ ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އަރައި ލިބުނު ގެއްލުމާއި ގުޅިގެން އެންވަޔަރްމަންޓް ޕްރޮޓަކްޝަން އެޖެންސީ (އީޕީއޭ)އިން އެ ކުންފުނި ޖުރިމަނާ ކޮށްފައި އޮތްއިރު އެ ޖުރިމަނާ މައާފު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް އެންވާރަމަންޓް މިނިސްޓަރު އައިމިނަތް ޝައުނާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ އެފްކޮންސްގެ ޖުރިމަނާއާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ ސަރުކާރުން ހުރިހާ ކަމެއްވެސް ނިންމާނީ އުސޫލުތަކާ އެއްގޮތްވާ ގޮތަށް ކަމަށެވެ.
ޝައުނާ ވިދާޅުވީ އެފްކޮންސްގެ މައްސަލައާ ގުޅިގެން މިހާރު ކޮށްފައިއޮތް ޖުރިމަނާއަށް މާފުކުރުމުގެ އެއްވެސް ނިޔަތެއްވެސް އަދި އެއްވެސް ސިޔާސަތެއްވެސް ނެތް ކަމަށެވެ.
މިނިސްޓަރު ޝައުނާ ވިދާޅުވީ ޖުރިމަނާއާ ގުޅިގެން އެފްކޮންސްއިން އީޕީއޭގެ ނިންމުން މިނިސްޓްރީގައި އިސްތިއުނާފް ކޮށްފައިވާކަމަށެވެ. އަދި ލީގަލް ރިވިއުއަކަށްފަހު ލަފާދީފައިވަނީ އިންޑިޕެންޑެންޓް ޓެކްނިކަލް ރިވިއުއެއް ހެދުމަށް ކަމަށާއި މިހާރު އޮތީ އެމަރުހަލާގައި ކަމަށް ވިދާޅުވިއެވެ.
ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން އެފްކޮންސް ޖުރިމަނާކޮށްފައިވަނީ 69 މިލިއަން ރުފިޔާއިންނެވެ.