މިހާރު ގިނަ ބައެއްގެ މެދުހައި މަގުބޫލު ދެކުނު ކޮރެއާގެ ކޮންޓެންޓްތައް ހެދުމަށް ނެޓްފްލިކްސް އިން 2.5 ބިލިއަން ޑޮލަރު ހޭދަކުރަން ނިންމައިފި އެވެ.
މިކަން ހާމަކޮށްފައި ވަނީ ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔިއޯލްއާ އެކީ ނެޓްފްލިކްސްގެ ސީއީއޯ ޓެޑް ސަރެންޑޯސް ވޮޝިންޓަންގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. އޭނަ ވިދާޅުވީ ނެޓްފްލިކްސް އަށް ދެކުނު ކޮރެއާގެ ސީރީޒްތަކާއި ފިލްމު ފަދަ އުފެއްދުންތައް ހަދަން ކުރިއަށް އޮތް ހަތަރުގެ އަހަރުގެ ތެރޭގައި 2.5 ބިލިއަން ޑޮލަރު އިންވެސްޓްކުރާނެ އެވެ.
މިއީ 2016 ގެ ފަހުން ކޮރެއާގެ ކޮންޓެންޓްތަކަށް ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިން ކުންފުނިން އެހާ ބޮޑު އަދަދެއް ހޭދަކުރާ ފުރަތަމަ ފަހަރެވެ.
ދެކުނު ކޮރެއާގެ ރައީސާ އެކީ ބޭއްވި ބައްދަލުވުމަށް ފަހު ސަރެންޑޯސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ގައުމުގެ ވެރިޔާ ހުންނެވީ ގައުމުގެ މުނިފޫހި އިންޑަސްޓްރީ ކުރިއަރުވަން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވުމުގެ އަޒުމުގައި ކަމަށެވެ. އެހެންވެ އެ ދާއިރާ އަށް ސަރުކާރުން ދެވެން ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ވެސް ދެއްވަން ރައީސް ތައްޔާރަށް ހުންނެވިކަމުގެ ޔަގީންކަން ދެއްވި ކަމަށް ވިދާޅުވި އެވެ.

"އެކަމަށްޓަކައި އަހަރެންގެ އަމިއްލަ ނަމުގައި ވެސް ރައީސަށް ޝުކުރު އަދާކަރަން." ސަރެންޑޯސް ވިދާޅުވި އެވެ.
ދެކުނު ކޮރެއާގެ ސީރީޒްތަކާއި ފިލްމުތައް މިހާރު ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ވަރަށް މަގުބޫލެވެ. އެގޮތުން 2021 ގައި ނެޓްފްލިކްސް އިން ގެނެސްދިން "ސްކިއުޑް ގޭމް" އަކީ އޭގެ ޖާދޫގައި އެތައް ބަޔަކު ޖެހުނު ވަރަށް ވަރުގަދަ އުފެއްދުމެވެ. މީގެ އިތުރު ސީޒަނެއްގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިދިޔަ އަހަރު ނެޓްފްލިކްސް އިން ދެކުނު ކޮރެއާގެ ކޮންޓެންޓްތަކަށް 700 މިލިއަން ހޭދަކުރި އިރު، އޭގެ ކުރީ އަހަރު 500 މިލިއަން ޑޮލަރު ހޭދަކުރި އެވެ.