Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

ވެމްކޯ އަށް ކޮތަޅު ވިއްކައި ދޭނެ ވިޔަފާރިތައް ހޯދަނީ

ވެމްކޯ މުވައްޒަފެއް ކުނި ގެންދިއުމުގައި / ފޮޓޯ: ވެމްކޯ

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކުނިއަޅާ ކޮތަޅުތައް ވިއްކާނެ ބަޔަކު ހޯދަށް އެކުންފުނިން އިއުލާންކޮށްފި އެވެ.

އެ ކުންފުނިން ކުނިއަޅާ ކޮތަޅު ރީޓެއިލް އަދި ހޯލްސޭލް ކޮށްދޭނެ ފަރާތްތައް ހޯދުމަށް އިއުލާންކޮށްފައި މިވަނީ، ކުނިއަޅާ ކޮތަޅުތައް އެކުންފުނިން ވިއްކަން ފަށާނެ ކަމަށް އިއުލާން ކުރުމަށްފަހުއެވެ. މި ކޮތަޅުތަކަކީ ސަރުކާރުން ނަގާ 2ރ. އިން އިސްތިސްނާވާ ޒާތުގެ ބިން-ލައިނަރ ނުވަތަ ކުނި އުކާލުމަށް ބޭނުން ކުރާ ކޮތަޅުތަކެކެވެ.

ވެމްކޯއިން ކޮތަޅު ވިއްކާނެ ބަޔަކު ހޯދަން އިއުލާން ކުރިއިރު، މާލެ، ވިލިމާލެ އަދި ހުޅުމާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުގެ ކައުންޓަރު ތަކުން މި ބުރާސްފަތި ދުވަހުން ފެށިގެން ކޮތަޅު ވިއްކާނެ ކަމަށް ވަނީ އިއުލާންކޮށްފައެވެ. އެކުންފުނިން ކޮތަޅު ވިއްކަން ނިންމާފައިވަނީ ބާޒާރުގައި ބޭނުން އާންމު ޕްލާސްޓިކް ކޮތަޅަކުން 2ރ. ނަގަން ފެށުމުން، ކުނިއުކާލުމަށް ބޭނުން ކުރާނެ ކޮތަޅު ރައްޔިތުންނަށް އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް ކަމަށް އެކުންފުނިން ބުނެއެވެ.

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނުން ބިން ލައިނަރ ކޮތަޅު ވިއްކަން ފަށާއިރު، ވިއްކަން މަޝްވަރާކުރެވުނީ ކަޅު އަދި ފެހި ކުލައިގެ ތިން ސައިޒެއްގެ ކޮތަޅެވެ. 11*17 އިންޗީގެ ކޮތަޅާއި، 18*27 އިންޗީގެ ކޮތަޅާއި އަދި 36*48 އިންޗީގެ ކޮތަޅެވެ. މިގޮތަށް ވިއްކާއިރު، ކުނިވާ ފަނާވާ ޒާތުގެ ތަކެތި ބަނދު ކުރާނީ ފެހި ކޮތަޅުގައެވެ. އަދި ޕްލާސްޓިކް ސާމާނު ވަކިން ކަޅު ކޮތަޅުގައި ބަނދު ކުރާއިރު އެހެނިހެން ސާމަންވެސް ބަނދުކުރާނީ ކަޅު ކޮތަޅުގައެވެ.

ވެމްކޯއިން ވަނީ މިކޮތަޅުތައް ހަމައެކަނި ކުނި އުކާލުމުގައި ބޭނުން ކުރުމަށް އިލްތިމާސްކޮށްފައެވެ.