Last Updated: May 9, 13:22
Thursday, May 9, 2024
މުނިފޫހިފިލުވުން

"ޔާރާ" ބައިސްކޯފަށް ދޫކޮށްލައިފި

ބަތަލާ އައިޝަތު ރިޝްމީ ޑައިރެކްޓްކޮށް، މުހިއްމު ރޯލެއް ވެސް ކުޅުނު ވެބް ސީރީޒް "ޔާރާ" ބައިސްކޯފަށް ދޫކޮށްލައިފި އެވެ.

ރޭ އޮލިމްޕަހުގައި މީގެ ޕްރީމިއާ ވެސް ކުލަގަދަކޮށް ބާއްވާފައިވާ އިރު ސީރީޒްގެ ފުރަތަމަ އެޕިސޯޑް މިހާރު ބޭނުން ވަގުތަކު ބައިސްކޯފުން ބަލައިލެވޭނެ އެވެ.

"ޔާރާ" އަކީ އެ ޕްލެޓްފޯމުން ގެނެސްދިން މަގުބޫލު ސީރީޒް "އެހެނަސް" ގެ ލިޔުންޔެރިޔާ އަހުމަދު އިގްބާލް (އައިކިއު) ގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ރޮމޭންޓިކް ކޮމެޑީ ޖޯންރާގެ އެއްޗެކެވެ. މީގެ އެންމެ މުހިއްމު ތަރިންނަކީ ރިޝްމީ އާއި ކޮއްކޮ މަޝްހޫރު ބަތަލާ މަރިޔަމް އައްޒަ އެވެ. އަދި "ޔާރާ" ގައި އެ ދެބެއިންގެ މަންމަގެ ރޯލުން އެ މީހުންގެ މަންމަ އައިޝަތު ރަޝީދާ (އައިންތު) ވެސް ފެނިގެންދާ އިރު، މިއީ ވަރަށް ބޮޑު ކާސްޓެއް ހިމެނޭ އެއްޗެކެވެ.

އެގޮތުން "ޔާރާ" ގައި ރިޝްމީގެ ކުރީގެ ފިރިމީހާ އަހުމަދު އަޒުމީލު (އަޒޭ) އާއި އައްޒަގެ ކުރީގެ ފިރިމީހާ އިސްމާއިލް ޖުމާހު (ޖުމާ) ގެ އިތުރުން އައިމިނަތު ރިޝްފާ، ނުޒުހަތު ޝުއައިބު (ނުޒޫ)، އަހުމަދު އާސިމް، ޝަރާ އާދަމް (ޝަރާ)، މަރިޔަމް ވަހީދާ (ޔަމް)، އާމިނަތު ޝަހާ އަދުނާން، އާމިނަތު ސިލްނާ، އަހްމަދު އިޝާރް، އަބްދުﷲ ޝަރަފް، ޝާއިފް ޝާއިރު، އައިޝަތު ގުލްފާ (ގުލް)، ހުސައިން ޝާދިޔާން (ސޭންޑީ)، މަރިޔަމް ހަލީމް، ނަތާޝާ ޖަލީލު، މަލީހާ ވަހީދުގެ އިތުރުން މުހައްމަދު ވިޝާލް (ރޯމަން) ހިމެނެ އެވެ.

"ޔާރާ" ބައިސްކޯފަށް ދޫކޮށްލި އިރު، މިއީ މި ސީރީޒްގެ ފުރަތަމަ ސީޒަނެވެ. އަދި މި ސީޒަންގައި 12 އެޕިސޯޑް ހިމެނޭނެ އެވެ. ރިޝްމީ ބުނެފައިވާ ގޮތުގައި ތިން އަހަރެއްހާ ދުވަހަށް ދެމިގެން ދިޔަ މި މަސައްކަތަކީ މިހާތަނަށް ކުރި އެންމެ ބޮޑު އަދި އެންމެ ބުރަ މަސައްކަތެވެ.