Last Updated: July 21, 18:02
Tuesday, July 21, 2026
ދުނިޔެ

ބައިޑެން ދެވަނަ ދައުރަކަށް ކުރިމަތިލަނީ

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވައި އެކަން އިއުލާންކުރައްވައިފި އެވެ.

ބައިޑެން އަދި އޭނާގެ ނައިބު ރައީސް ކަމަލާ ހެރިސް އާންމު ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމެރިކާ ރައްޔިތުންގެ ކުރިމަތީގައި އޮތީ ދެ ޗޮއިސެއް ކަމަށެވެ. އެއީ މިނިވަންކަމާއި ހައްގުތައް ހަނިވުމުގެ ޗޮއިސް ކަމަށާއި މިއީ ޑިމޮކްރެސީ އާއި މިނިވަންކަން ދިފާއުކުރަން ލިބިފައިވާ ފުރުސަތެއް ކަމަށް ވިދާޅުވި އެވެ.

އަދި އަންނަ އަހަރުގެ ރިޔާސީ އިންތިހާބަކީ މިހާރު އެމެރިކާގައި ފަށާފައިވާ މަސައްކަތްތައް ނިންމަން ލިބޭ ފުރުސަތެއް ކަމަށްވެސް ބައިޑެން ވިދާޅުވި އެވެ.

ބައިޑެން ނިސްބަތްވެ ވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާނެ ކަމަށް މިހާތަނަށް އިތުރު ދެ ބޭފުޅަކު ވެސް ވަނީ އިއުލާންކުރައްވާފަ އެވެ. އެއީ ލިޔުންތެރިއެއް ކަމަށްވާ މެރިއޭން ވިލިއަމްސަން އާއި ކުރީގެ ރައީސް ޖޯން އެފް ކެނެޑީގެ އާއިލާއަށް ނިސްބަތްވާ ރޮބަޓް ކެނެޑީ ޖޫނިއާ އެވެ.

އެމެރިކާގެ އިދިކޮޅު މައި ޕާޓީ ކަމުގައިވާ ރިޕަބްލިކަން ޕާޓީން ބައިޑެންއާ އެންމެ ގާތުން ވާދަކުރައްވާނެ ކަމަށް ބެލެވެނީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ. ޓްރަމްޕް ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ރިޔާސީ ރޭހަށް ނިކުންނަވާނެކަން އިއުލާންކުރައްވައި ކެމްޕެއިން ފައްޓަވާފަ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު އޮންނާނީ އަންނަ އަހަރުގެ ނޮވެމްބަރު 5 ގަ އެވެ.