މެދުނުކެނޑި ހިދުމަތް ދޭން ސްޓެލްކޯއިން ހާއްސަ ޓީމެއް އެކުލަވާލައިފި އެވެ.
ސްޓެލްކޯ އިން ބުނީ ހޫނު މޫސުމާއި ގުޅިގެން ރެކޯޑް އަދަދަކަށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ، އެ ކުންފުނިން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކަށް މެދުނުކެނޑި ފޯރުވައިދިނުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުރިހަމަކޮށް ހަރުދަނާ ކުރުމަށްޓަކައި، މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފްގެ ބެލުމުގެ ދަށުން ހާއްސަ ޓީމެއް އެކުލަވާލާފައިވާ ކަމަށެވެ.
އެ ޓީމުގެ މަސައްކަތްތައް މިއަދު ފަށާފައިވާ ކަމަށްވެސް ސްޓެލްކޯ އިން ބުނެ އެވެ.
މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށް ވުމުން ކަރަންޓް އިގްތިސާދު ކުރުމަށް ސްޓެލްކޯ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެގޮތުން ފިނި ކުރުމަށް ގެންގުޅޭ އޭސީ ފަދަ އާލާތްތަށް ބޭނުން ކުރުމުގައި އިތުރަށް ސަމާލުވެ، 25 ޑިގްރީއަށް ވުރެ ދަށް ނުވާނެހެން ޓެމްޕަރޭޗަރ ބެހެއްޓުމަށާއި، އިލެކްޓްރޯނިކް އާލާތްތައް ގަންނަ އިރު އިންވާޓާރ އަށް އިސްކަންދިނުމަށް ސްޓެލްކޯ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މެޓް އޮފީހުން ބުނީ މި މަހު އެހާ ހޫނު ގަދަވަނީ އިރުވައި މޫސުމުން ހުޅަނގު މޫސުމަށް ބަދަލުވާ ދުވަސްވަރު ކަމަށްވާތީ ކަމަށާއި މި ދުވަސްވަރު ވައި މަޑުވުމާއި އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުުރުމުން ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާ ކަމަށެވެ.
މެޓުން ބުނީ މި މަހު ރާއްޖޭގެ އެކި ހިސާބުތަކުގެ ފިނިހޫނުމިން 31.6-32.6 ޑިގްރީއަށް އަރާނެ ކަމަށެވެ. އަދި ހޫނުމިން އިހުސާސްކުރެވޭ މިންވަރު ބައެއް ހިސާބުތަކުގައި 42.3 ޑިގްރީއަށް އަރާނެ ކަމަށްވެސް ބުންޏެވެ.
އެހެންކަމުން ހަށިގަނޑުން ފެން މަދުވެ ނުދިނުމަށް ކަރު ނުހިއްކި ނަމަވެސް މި ދުވަސްވަރު ގިނައިން ފެންބުއިމަށާއި ހޫނުން ރައްކާތެރިވުމަށްޓަކައި، ކުޑަ ބޭނުންކުރުމާއި ކުލަމަޑު ހަށިގަނޑު ނިވާވާފަދަ ހެދުން ލުމާއި ބޭރަށް ނުކުންނައިރު ސަން ލޯޝަން އަދި ބޮޑަށް ހިޔާވާ ކަހަލަ ތޮފި ބޭނުންކުރުން ފަދަ ކަންކަން ކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.