ސެނެގާލްގެ ވެރިރަށް ޑަކާރްގައި މިހާރު ކުރިއަށްދާ ބައިނަލްއަޤްވާމީ މޭޔަރުންގެ ފޯރަމުގައި އައްޑޫ މޭޔަރު އަލީ ނިޒާރު ބައިވެރިވެވަޑައިގެންފި އެވެ.
މި މަހުގެ 25-28 އަށް ސެނެގާލްގައި ކުރިއަށްދާ މި ފޯރަމަކީ އދ. ގެ ދެމެހެއްޓެނިވި ތަރައްޤީއާއި ބެހޭ އޮފީހުގެ ފަރާތުން އިންތިޒާމު ކުރާ ފޯރަމެވެ. މި ފޯރަމުގެ ސަރަހައްދީ ފެންވަރުގައި ސިޔާސަތު ކަނޑައަޅާ ފަރާތްތައް އެއްތަނަކަށް ގެނެސް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލް ކުރުމުގައި ދިމާވާ ގޮންޖެހުންތައް ހިއްސާކޮށް ޑިސްކަޝަން ފޯރަމްތަކާއި އަދި އެއް ސިޓީ އަނެއް ސިޓީއަށް ތަޖުރިބާ ހިއްސާކޮށް ތަރައްޤީގެ ކަންކަން އަވަސް ކުރުމުގައި ހޯދިފައިވާ ކާމިޔާބީތައް ހިއްސާ ކުރުމެވެ.
މި ފޯރަމުގައި އެކި ޤައުމުތަކަށް ނިސްބަތްވާ ސިޓީ ތަކުގެ މޭޔަރުންނާއި، ޢިލްމީ ފަރާތްތަކުގެ ޕްރެޒެންޓޭޝަންތަކާއި އަދި ސުވާލު ޖަވާބު ސެޝަންތަކެއް ކުރިއަށް ގެންދާނެ އެވެ. މީގެ އިތުރުން ސެނެގާލްގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ބަލާލުމަށް ފީލްޑް ޓްރިޕްތަކެއް ވެސް އޮންނާނެ އެވެ.
މިއަހަރުގެ ފޯރަމުގެ ތެރެއިން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވަނީ ދެމެހެއްޓެނި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން ލަނޑުދަނޑި 6، 7، 9، 11 އަދި 17 އާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެއެވެ.
މި ފޯރަމް އެންމެ ފުރަތަމަ ބޭއްވީ 2018 ގަ އެވެ. އޭރު 70 އަށް ވުރެ ގިނަ މޭޔަރުން ފޯރަމުގައި ބައިވެރިވި އެވެ.