އީޕީއޭއަށް މިހާރަކު އެއްވެސް ބައެއްގެ ނުފޫޒެއް ނޯންނާނެ ކަމަށާއި، އެއިދާރާ ބާރުވެރި ކުރުމަށް އިދާރާގެ ޤާބިލީއްޔަތުކަން އިތުރުކުރަން މަސައްކަތް ކުރެވެމުންދާ ކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ވަޢުދުތަކުގެ ތެރެއިން އީޕީއޭ މިނިވަން ކުރުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅިގެން މިއަދު މަޖިލީހުގައި މިނިސްޓަރ އާމިނަތު ޝައުނާއާއި ވަނީ ސުވާލު ކުރައްވާފައެވެ. މި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވަނީ އެހެން ޤައުމުތަކުގައިވެސް އީޕީއޭ ހިންގަނީ ސަރުކާރުގެ ބާރުވެރިކަމެއް އޮވެގެން ކަމަށާއި، އެއްކޮށް މިނިވަންކޮށްގެން ނުހިންގާ ކަމަށް ވިދާޅުވެފައެވެ. އަދި އެހެން ކަމުން މިނިވަން މުޢައްސަސާއެއްގެ ގޮތުގައި އީޕީއޭ ހިންގުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި އީޕީއޭ ސީދާ މިނިވަން މުޢައްސަސާއެއްގެ ގޮތުގައި ނުހިންގަވާނެ ކަމުގައި ވިދާޅުވި ނުވި ނަމަވެސް އެކަން މުޢައްސަސާގެ މިނިވަންކަން ޤާއިމް ކުރުމަށް ޤާނޫނީ ބާރުވެރިވެރިކަން ދެވިފައިވާކަން ފާހަގަ ކުރެއްވިއެވެ.
" މެނިފެސްޓޯގައި ހިމަނާފައިވާ ގޮތަށް 100 ދުވަހުގެ ވަޢުދާއި އެއްގޮތަށް އީޕީއޭ ބާރުވެރިކޮށް މިނިވަންކަމާއި އެކު ހިންގޭނެ ގޮތް އަޅުގަނޑުމެން ވާނީ ހަދައިދީފަ. އެއްވެސް ސިޔާސީ ނޫންވެސް ނުފޫޒެއް އީޕީއޭގެ މައްޗަށް މިހާރަކު ނުހިނގާ. މުވައްޒަފުންގެ އިންޓެގްރިޓީއާއި މެދުވެސް ކޮންފިޑެންސް އެބައޮތް " ޝައުނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެތަން މުސްތަޤިއްލު މިނިވަން ތަނަކަށް ހެދުމަށް އެންމެ މުހިންމު ކަމަކީ އެތަނަށް ބޭނުންވާ ވަސީލަތްތަކާއި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން މި ސަރުކާރު ހަވާލުވިއިރު އީޕީއޭގެ ބަޖެޓަކީ 9.6 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް މިހާރު ބެޖެޓް 15.3 މިލިއަން ރުފިޔާއަށް އިތުރުކޮށްދީ މުވައްޒަފުންގެ އަދަދުވެސް އިތުރުކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިސް: އީޕީއޭ އަކީ ބާރުވެރި މިނިވަންކަމާއެކު ހިނގާ މުއައްސަސާއަކަށް ހެދުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައި ކަމަށާއި، އަދި މިހާރުވެސް އަންނަނީ ކުރަމުން ކަމަށް މިނިސްޓަރ@anuahsa ވަނީ ވިދާޅުވެފައި pic.twitter.com/hidmeJjyH2
— Min. of Environment, Climate Change and Technology (@MoEnvmv) April 25, 2023
މީގެ އިތުރުން އީޕީއޭގެ ފަންނީ ޤާބިލީއްޔަތުކަން އިތުރުކުރުމަށް، ރިސާޗް ވެސެލްއެއް ފޯރުކޮށްދިނުމަށް ނިންމައި އެއަށް ބޭނުންވާ ކްރޫވެސް ހަމަޖައްސަވައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އީޕީއޭ މިނިވަން ވަކި މުޢައްސަސާއަކަށް ހެއްދެވުމާއި ގުޅޭގޮތުން މިހާތަނަށް އެކަން ނުކުރައްވާ ކަމަށް ވިދާޅުވެ ބައެއް މެމްބަރުންގެ ފާޑުކިއުން މިނިސްޓަރ އށް ވަނީ އަމާޒުވެފައެވެ. އަދި މިއީ ސަރުކާރުގެ ވަޢުދެއް ކަމަށް އެ މެންބަރުން ފާހަގަ ކުރެއްވިއެވެ.