Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

"ބިއޯންޑް" އަށް ކެބިން ކްރޫން ހޯދަނީ

ސިމްޑީ ގްރޫޕުގެ ލަގްޒަރީ އެއާލައިން "ބިއޯންޑް" އަށް ކެބިން ކްރޫން ހޯދުމަށް އޯޕަން ޑޭއެއް މިއަދު މާލޭގައި ބާއްވާނެ ކަމަށް އެއާލައިނުން ބުނެފި އެވެ.

މި އޯޕަންޑޭ އޮންނާނީ މާލޭގެ އޯކިޑް މަގުގައި ހުންނަ އެސްޓީއޯ ޓްރޭޑް ސެންޓަރު ބިލްޑިންގުގެ 4 ވަނަ ފަންގިފިލާގަ އެވެ. އޯޕަން ޑޭ ކުރިއަށް ދާނީ ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އާ ހަމައަށެވެ. މިއީ ކެބިން ކްރޫއިން ހޯދުމަށް ބިއޯންޑް އިން ބާއްވާ މިފަދަ ފުރަތަމަ ހަރަކާތެވެ.

"ބިއޯންޑް" ގެ އޯޕަން ޑޭ އަށް ދާ އިރު ވަނަވަރު އެނގޭ ގޮތަށް އިނގިރޭސި ސީވީ އާއި ތައުލީމީ ސެޓްފިކެޓް އަދި ޕާސްޕޯޓް ފޮޓޯއެއްގެ އިތުރުން ތަޖުރިބާގެ ލިއުންތަކާއި އެކީ ކެބިން ކްރޫއެއްގެ ތަޖުރިބާ ލިބިފައިވާ ނަމަ އަދި ވަޒީފާއެއް އަދާކުރާ ނަމަ އެކަމުގެ ލިއުމެއް ގެންދަން ޖެހެ އެވެ. އަދި އޯޕަންޑޭ އަށް ދާން ޖެހެނީ ރަސްމީ ހެދުމުގައި ކަމަށް "ބިއޯންޑް" އިން ބުންޏެވެ.

ރާއްޖޭގެ ބާއްވާ ހަރަކާތުގެ އިތުރުން ދުބާއީގައި ވެސް ދައުވަތު ދެވިގެން ކެބިން ކްރޫން ހޯދުމުގެ މަސައްކަތް ކުރެވޭނެ ކަމަށް "ބިއޯންޑް" އިން ބުންޏެވެ.

ދުނިޔޭގެ ފުރަތަމަ ލަގްޒަރީ މި އެއާލައިނަކީ ދުބާއީގެ އަރަބެސްކް ކުންފުންޏާއި ރާއްޖޭގެ މަޝްހޫރު ކުންފުނި، ސިމްޑީ ގްރޫޕްގެ ޖޮއިންޓް ވެންޗާއެއް ދަށުން ހިންގާ އެއާލައިނެކެވެ. އަދި މިއީ ދުނިޔޭގެ ފުރަތަަމަ ލެއިޝަ ޕްރިމިއަމް އެއާލައިން ކަމަށް އެ ކުންފުނިން ބުނެ އެވެ. އެއާލައިންގެ އުދުހުންތަކުގައި ބޭނުން ކުރަނީ އެއާބަސް އޭ-321 މަރުކާގެ ބޯޓުތައް ކަމަށް ބުންޏެވެ.

އެކުންފުނީގެ ސީއީއޯ ޓާރޯ ޓަސްކިލާ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ބިއޯންޑުގެ ދަތުރުތައް ފަށާތާ ފުރަތަމަ އަހަރުތެރޭ ވެސް ގާތްގަނޑަކަށް 200 ވަޒީފާ އުފެދިގެން ދާނެ އެވެ.

މި އަހަރުގެ ތިން ވަނަ ކުއާޓަރުގެ ތެރޭގައި "ބިއޯންޑް" ގެ ދަތުރުތައް ފެށުމަށް ވަނީ އަމާޒު ހިފައިފަ އެވެ.