ސްޕެނިޝް ލީގުގައި ރޭ ޖިރޯނާ އަތުން 4-2 އިން ރެއާލް މެޑްރިޑް ބަލިވެއްޖެ އެވެ.
މި މެޗުން ބަލިވުމުން ލީގުގެ ދެވަނައިގައި ރެއާލް މިހާރު އޮތީ 31 މެޗުން ލިބުނު 65 ޕޮއިންޓާ އެކު އެވެ. އެއްވަނައިގައި 30 މެޗުން ލިބުނު 76 ޕޮއިންޓާ އެކު އޮތީ ބާސެލޯނާ އެވެ. ޖިރޯނާ އޮތީ 41 ޕޮއިންޓާ އެކު ލީގުގެ 9 ވަނައިގަ އެވެ.
ރޭގެ މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 12 ވަނަ މިނެޓްގައި ޖިރޯނާ އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ވެލެންޓިން ކަސްޓެލަނޯސް އެވެ. މި ގޯލަކީ ރެއާލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ. މެޗުގެ 24 ވަނަ މިނެޓްގައި ޖިރޯނާގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ ކަސްޓެލަނޯސް އެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ވިނީޝަސް ޖޫނިއާ ރެއާލަށް ގޯލެއް ކާމިޔާބުކޮށްދިން ނަމަވެސް ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ކަސްޓެލަނޯސް ވަނީ ޖިރޯނާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ޖިރޯނާގެ ހަތަރުވަނަ ގޯލު މެޗުގެ 62 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ކަސްޓެލަނޯސް އެވެ. ކަސްޓެލަނޯސް އަކީ 1947 ވަނަ އަހަރަށް ފަހު ރެއާލް ކޮޅަށް ލީގު މެޗެއްގައި ހަތަރު ގޯލު ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިއާ އެވެ.
ރެއާލްގެ ދެވަނަ ގޯލު މެޗުގެ 85 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލޫކަސް ވަޒްކުއޭޒް އެވެ.
ރެއާލް ބަލިވުމުން ލީގުގެ އެއްވަނައިގައި 14 ޕޮއިންޓްގެ ލީޑެއް ނަގަން މިރޭ ބާސާ އަށް ވަނީ ފުރުސަތު ލިބިފަ އެވެ. ބާސާ މިރޭ ނިކުންނާނީ ރަޔޯ ވަޔެކާނޯއާ ދެކޮޅަށެވެ.