Last Updated: July 26, 13:56
Sunday, July 26, 2026
މުނިފޫހިފިލުވުން

"ޖަބް ވީ މެޓް" ގެއްލުނީމަ ވަރަށް ދެރަވި

ކަރީނާ ކަޕޫރް ބަތަލާގެ ރޯލު ކުޅުނު ކާމިޔާބު ފިލްމު "ޖަބް ވީ މެޓް" ގެއްލުމުން ވަރަށް ދެރަވި ކަަމަށް އެ ފިލްމުގެ ބަތަލާގެ ރޯލު އެންމެ ފުރަތަމަ ލިބުނު ބޫމިކާ ޗާވްލާ ބުނެފި އެވެ.

ކަރީނާ އާއި ޝާހިދު ކަޕޫރް ކުޅުނު އެ ފިލްމަކީ ޑައިރެކްޓަރު އިމްތިއާޒް އަލީ 2007 ގައި ގެނެސްދިން ވަރަށް މަގުބޫލު ފިލްމެކެވެ. އަދި "ޖަބް ވީ މެޓް" އަކީ ކަރީނާގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމެވެ.

އެ ފިލްމާ ބެހޭ ގޮތުން ބޫމީ ބުނީ އެންމެ ފުރަތަމަ އޭގެ ލީޑް ކުޅެން އޮތީ އޭނަ އާއި ބޮބީ ޑިއޯލް ކަމަށެވެ. އަދި އޭރު ފިލްމުގެ ނަމަކަށް އޮތީ "ޓްރެއިން" ކަމަށް ވެސް ސަލްމާން ޚާންގެ 2003 ގެ "ތޭރޭ ނާމް" ގެ ބަތަލާ ބުންޏެވެ.

"އަހަންނާއި ބޮބީ އެ ފިލްމު ކުޅޭ ގޮތަށް އޮއްވައި ފަހުން ބޮބީގެ ބަދަލުގައި ޝާހިދަށް ފިލްމު ދިން. އަދި ފިލްމުގެ މަސައްކަތް ނުފެށިގެން އުޅެނިކޮށް އަހަރެންގެ ބަދަލުގައި އައިޝާ ޓާކިއާ އަށް ފިލްމު ދިން،" ބޫމީ ބުންޏެވެ. "އެކަމަކު އޭގެ ފަހުން އައިޝާ ވެސް ބޭރުކޮށް ކަރީނާއާ އެކު އެ ފިލްމު ހެދީ."

ބޫމީ ބުނި ގޮތުގައި "ޖަބް ވީ މެޓް" އަކީ ކުޅެން ވަރަށް ބޭނުންވި ފިލްމެކެވެ. އެހެންވެ އެ ފިލްމު ގެއްލުމުން ވަރަށް ދެރަވި ކަމަށާއި ނަމަވެސް ފިލްމު އިންޑަސްޓްރީގައި މިފަދަ ކަންކަން ހިނގުމަކީ އާ ކަމެއް ނޫން ކަމަށެވެ.

"އެކަމަކު ދެން އަބަދު އެ ކަހަލަ ކަންކަމާ މާޔޫސްވެގެން އުޅުމުގެ ބަދަލުގައި އަހަންނަކީ ކުރިއަށް ދާން ހިތްވަރު ކުރާ މީހެއް." މިހާރު އާންމުކޮށް ދެކުނުގެ ފިލްމުތަކުގައި ސަޕޯޓިން ރޯލުތައް ކުޅޭ ބޫމީ ބުންޏެވެ.

އޭނަ ބުނި ގޮތުގައި "ޖަބް ވީ މެޓް" ގެ އިތުރުން ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ 2003 ގައި ގެނެސްދިން "މުންނާބާއީ އެމްބީބީއެސް" ޑައިރެކްޓަރި މަނީ ރަތުނަމްގެ 2002 ގެ "ކަނައްތިލް މުނައްތިލް" އަކީ ވެސް ސޮއިކުރި ނަމަވެސް ކުޅުމުގެ ނަސީބު ނުލިބުނު ފިލްމުތަކެކެވެ.

ބޫމީ އެންމެ ފަހުން ފެނިފައި ވަނީ މި މަހުގެ 21 ގައި ރިލީޒްކުރި ސަލްމާންގެ "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" ގެ ރޯލަކުންނެވެ. އުމުރުން 44 އަހަރުގެ ބަތަލާ ކުޅުނު ހިންދީ ފިލްމުތަކުގެ ތެރޭގައި "ރަން"، "ދިލް ނޭ ޖިސޭ އަޕްނާ ކަހާ"، "ސިލްސިލޭ" އަދި "އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" ހިމެނެ އެވެ.