Last Updated: July 26, 13:56
Sunday, July 26, 2026
މުނިފޫހިފިލުވުން

އަރުޖުން އަކީ ކައްކަން އެނގޭ މީހެއް ނޫން

އަރުޖުން ކަޕޫރަށް ކައްކަން ނޭނގޭ ކަމަށާއި އެހެންވެ ކޮންމެހެން އޭނަ ލައްވައި ކައްކުވައިގެން ކާން ބޭނުން ނުވާ ކަމަށް ލޯބިވެރިޔާ މަލައިކާ އަރޯރާ ބުނެފި އެވެ.

ސަލްމާން ޚާންގެ ކޮއްކޮ އަރްބާޒް ޚާނާ ކުރިން ކައިވެނިކޮށް މިހާރު 20 އަހަރުގެ ދަރިޔަކު ވެސް ހުރި މަލައިކާ 49، އީޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ އަރުޖުން، 37، އަކީ ސައި ތައްޓެއް ވެސް ހަދާލަން އެނގޭ މީހެއް ނޫން ކަމަށެވެ.'

"އެހެންވީމަ ކޮންމެހެން އޭނަ ލައްވައި ކައްކުވައިގެން ގޯސް ހަދުވާކަށް އަހަރެން ބޭނުމެއް ނޫން. އަހަންނަކީ ކައްކަން އެނގޭ މީހެއް. ކެއްކުމަކީ އަހަރެން ވަރަށް ލޯބި ވެސް އެހާމެ އުފާވާ ކަމެއް،" ދާދި ފަހުން ވީޑިއޯ ލަވައަކުން ވެސް ފެނުނު މަލައިކާ ބުންޏެވެ. "އަދި އަހަރެން ކައްކާ އެއްޗެހި އަރުޖުން އަށް ވަރަށް މީރު."

ކައިވެންޏާ ބެހޭ ގޮތުން ސުވާލުކުރުމުން އޭނަ ބުނީ ދެ މީހުން ވެސް ތިބީ މިހާރު އެކަމަށް ތައްޔާރުގައި ކަމަށެވެ. އެކަމަކު އަވަސް އަރުވާލައިގެން ކަންކަން ކުރަން ބޭނުން ނުވާ ކަމަށް ބުންޏެވެ.

"ޓްރެވެލް ކުރުމަކީ މިހާރު ވަރަށް ބޭނުންވާ ކަމެއް. އަދި މަސައްކަތް ކުރުމަކީ ވެސް އަހަރެން ވަރަށް ގަޔާވާ ކަމެއް. ބުނެވިދާނެ މިއީ އަހަރެންގެ ހަޔާތުގެ އެންމެ އުފެއްދުންތެރި ދައުރޭ ވެސް،" އާންމުކޮށް ޓީވީ ޝޯތަކުގެ ޖަޖެއްގެ ގޮތުގައި ފެންނަ މަލައިކާ ބުންޏެވެ. "އަދި މިއީ އަހަރެންގެ ހަޔާތުގެ އެންމެ ކާމިޔާބު މަރުހަލާ ވެސް މެ."

އަރުޖުން އާއި މަލައިކާ މީގެ ހަފުތާއެއްހާ ދުވަސްވަރުން ޖަރުމަނަށާއި ސްކޮޓްލޭންޑަށް ވެސް ދިޔަ އެވެ. އަދި ދަތުރުގެ ފޮޓޯތަކެއް ވެސް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ.

އެ ދެ މީހުން ރައްޓެހިވީ 2018 ގަ އެވެ. މަލައިކާ އާއި އަރްބާޒް ވަރިވީ 2017 ގަ އެވެ.