ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލި މައްސަލައިގައި ހައްޔަރުކުރި އަލި މަނިކް މީގެކުރިން ޓެރަރިޒަމުގެ ކުށެއް ކުރިކަން ސާބިތުވެ ހުކުމް ތަންފީޒުކުރަމުން ދަނިކޮށް، މާފުދީ ދޫކޮށްލި ސަބަބު ސާފުކޮށްދޭން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައިސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކިބައިން އެދިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައިސް ނަޝީދު ވިދާޅުވީ މެންބަރު ހަސަން ލަތީފްގެ ސިޓީއެއް އެމަނިކުފާނަށް ލިބިފައިވާ ކަމަށެވެ. އެ ސިޓީގައި އެދިވަޑައިގެންފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގައި ހިމެނޭކަމަށް ދައުލަތުން ތުހުމަތުކުރާ އަލި މަނިކް، ރައީސުލްޖުމްހޫރިއްޔާ އަދަބު ލުއިކޮށް މާފުދީ މީގެކުރިން ދޫކޮށްލާފައިވާކަމަށެވެ.
އަލި މަނިކް ދޫކޮށްލި ސަބަބެއް ސާފުކުރުމަށް މަޖިލީހުގެ 241 ކޮމިޓީން ދެފަހަރެއްގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިޔެފައިވާކަމަށާއި، އެހެންނަމަވެސް އެއްވެސް ޖަވާބެއް ނުލިބި ވާކަމަށެވެ. މީހުންގެ އަދަބު ލުއިކޮށްދެނީ މީހުންގެ އަޚްލާގީ ރިޕޯޓް ތައްޔާރުކޮށް އެ މައްޗަށް ބިނާކޮށްކަން ހަސަންގެ ސިޓީގައި ފާހަގަކޮށް ބުނެފައިވަނީ އަލި މަނިކް 20 އޮގަސްޓް 2019 ގައި ދޫކޮށްލިއިރު އޭނާގެ އަޚްލާޤީ ރިޕޯޓް ތައްޔާރު ކޮށްފައިވަނީ 1 ސެޕްޓެމްބަރު 2021 ގައި ކަމަށެވެ.
މިކަމުގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން މެންބަރު އެދިފައިވަނީ މިކަމާ ގުޅޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ލިބޭތޯ ދަންނަވައިދިނުމަށް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ އަރިހުން ވަރަށް އަދަބު އިޚްތިރާމާއެކު އެދެން، މި މައުލޫމާތު މި މަޖިލީހަށް މަނިކުފާނު ފޮނުވައި ދެއްވުމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.
ދޫކޮށްލާފައި ހުއްޓާ އަލި މަނިކު ދެން ހައްޔަރު ކުރީ ރައީސް ނަޝީދަށް ހަމަލާދިން މައްސަލައިގައި 18 މޭ 2021 ގައެވެ. އަލި މަނިކަކީ ހިމަންދޫގައި 2007 ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކުގައި އިސްކޮށް ހުރި މީހެކެވެ.