Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

އޯޓިޒަމަށް ހޭލުންތެރި ކުރަން ހާއްސަ ހަރަކާތެއް

އެމްއޭސީއެލް އިން އޯޓިޒަމް ކުދިންނަށް ބޭއްވި ހަރަކާތުގެ ތެރެއިން / ފޯޓޯ: އެމްއޭސީއެލް

އޯޓިސްޓިކް ކުދިންނަށް ހާއްސަ ހަރަކާތެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާއި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި ގުޅިގެން ބާއްވައިފިއެވެ.

އެމްއޭސީއެލްގެ ސީއެސްއާރުގެ ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ދުނިޔޭގެ އޯޓިޒަމަށް ހޭލުންތެރި ކުރުމުގެ މަހާއި ގުޅުވައިގެން ބޭއްވި ހަރަކާތެކެވެ. މިގޮތުން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް ފަންޑް ރެއިޒިން ހަރަކާތަކާއި އެކު ވެލާނާ އެއާޕޯޓުގެ ހާއްސަ ޓުއަރ އޯޓިސްޓިކް ކުދިންނަށް ވަނީ ދީފައެވެ.

އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން ޓުއަރގަރި 14 ކުއްޖަކާއި 3 މުދައްރިސުން ވަނީ ބައިވެރިވެފައެވެ. މި ޓުއަރގައި އެއާޕޯޓުގެ ރޭމްޕް އޮޕަރޭޝަންތައް ހިނގާގޮތް ކުދިންނަށް ދައްކައި، ފްލައިޓުތަކަށް ޚިދުމަތް ދިނުމަށް ކުރެވޭ މަސައްކަތް ކުދިންނަށް ތަޖަރިބާ ކޮށްލުމަށް ވަނީ ފުރުސަތު ދީފައެވެ. މީގެ އިތުރުން އެއާޕޯޓުގެ އެމެެޖެންސީ ޙިދުމަތްތައް ދައްކާލުމަށްވެސް ކުދިން ވަނީ ގެންގޮސްފައެވެ. އެގޮތުން އެއާޕޯޓް ފަޔަރ ޙިދުމަތް ދައްކާލުމާއި ވެހިކަލްތަކަށް އަރުވައި ކުދިންނަށް މައުލޫމާތު ދީ ފަޔަރ އެންޑް ރެސްކިއު ޓީމްގެ ޔުނިފޯމް އެޅުމުގެ ފުރުސަތުވެސް ވަނީ ދީފައެވެ.

ޓުއަރ ނިންމާލާފައިވަނީ އެމްއޭސީއެލް ރެކްރިއޭޝަނަލް ސެންޓަރުގައި ބޭއްވި ކުޑަ ހަފްލާއަކުންނެވެ. ޓުއަރ ނިންމާލުމަށް ފަހު އެކުންދިންނަށް އެމްއޭސީއެލްގެ ފަރާތުން ވަނީ ހާއްސަ ހަދިޔާއެއް އަރުވާފައެވެ.

މި ޓުއަރގެ އިތުރުން މިމަހުގެ ކުރީކޮޅު ފަންޑްރެއިޒިން ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް އެއާޕޯޓުގައި ތަކެތި ވިއްކުމުގެ ފުރުސަތު ވަނީ ދީފައެވެ. އަދި މި ފަންޑް ރެއިޒިން ހަރަކާތް ވަރަށް ބޮޑަށް ކާމިޔާބު ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

އެމްއޭސީއެލްއިން ބުނީ، އެމްއޭސީއެލްގެ ސީއެސްއާރު ޕްރޮގްރާމް ރޭވިފައިވަނީ ރާއްޖޭގެ އެންމެ އެހީތެރިކަމަށް ބޭނުންވާ ފަރާތްތައް ދެނެގަނެ އެފަރާތްތަކަށް އެހީތެރިވެ ދިނުމަށް ކަމަށެވެ. އަދި އޯޓިޒަމް އެސޯސިއޭޝަނާއި ގުޅިގެން ކުރެވޭ މަސައްކަތުން އޯޓިޒަމްއަށް މުޖްތަމަޢު ތެރޭ ހޭލުންތެރިކަން އިތުރުކޮށް އޯޓިސްޓިކް ކުދިން ބާކީ ނުވާ މުޖްތަމައަކަށް ހެދުމަށް މަސައްކަތް ކުރާ ކަމަށް ވިދާޅުވިއެވެ.