Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

ފްލެޓް ދޭން ޖެހޭނީ އުސޫލުން ކަމަށް އާބަންކޯއަށް އެންގިން

މިނިސްޓަރު މުހައްމަދު އަސްލަމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފްލެޓްތައް ދޭންޖެހޭނީ އުސޫލުންކަމަށް އާބަންކޯއަށް އަންގާފައިވާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންނަށް ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ސޯޝަލް ހައުސިން ޔުނިޓުތަކުން ފްލެޓު ލިބޭނެ މިންގަނޑު ކަނޑައަޅައި ސަރުކާރުން އިއުލާނުތަކުގައި ހިމަނަމުންދާ ކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ އެ އުސޫލުން ފްލެޓް ދިނުމަށް އާބަންކޯއަށްވެސް އަންގާފައިވާނެ ކަމަށެވެ.

"އެޗްޑީސީ [އާބަންކޯ] އަށްވެސް އަޅުގަނޑުމެން ވާނެ އަންގާފަ، އޭގަހުރި އުސޫލުންނޭ ފްލެޓުތައް ދޭން ޖެހޭނީ. އަދި ކުންފުނިތަކުން އިމާރާތް ކުރާ، އެކުންފުނީގެ މުވައްޒަފުންނަށް ކަމުގައި ވިޔަސް އެ ކްރައިޓީރިއާ ތަކަށް ފެތެން ޖެހޭނެ." މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

ކުންފުންޏެއްގެ ހަރަދުގައި އަޅާ އިމާރާތެއްގައި އެކުންފުނީގެ މުވައްޒަފުންނަށް ބައެއް ހާއްސަ ކުރުމުން މައްސަަލައެއް ނެތް ކަމަށާއި އެހެންނަމަވެސް އެ ކްރައިޓީރިއާއަށް ފެތެން ޖެހޭނެ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ. އެގޮތުން ސޯޝަލް ހައުސިން ލިބެން ޖެހޭނީ ސޯޝަލް ކެޓެގަރީއަށް ފެތޭ މީހަކަށް ކަމަށާއި، އަދި ފްލެޓެއް ހުރި މީހަކަށްވެސް ފްލެޓެއް ލިބިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެއާ ހިލާފަށް ކުންފުންޏަކުން ކަމެއް ކުރިކަން އެނގިއްޖެނަމަ އެކަމެއް ހިނގާ ދިޔަ ގޮތް ބަލާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިފަހުން އެފަދަ މައްސަލައެއް ފެންމަތި ވެގެން އުޅޭކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ، ފްލެޓް ދޭންޖެހޭނީ ކަނޑައަޅާފައިވާ އުސޫލުގެތެރެއިން ކަން އަންގާފައިވާނެ ކަމަށެވެ. އަދި މުވައްޒަފުންނަށް ފްލެޓު ދިންނަމަވެސް ދޭންޖެހޭނީވެސް އެ އުސޫލުގެ ތެރެއިންކަމަށް ވިދާޅުވިއެވެ.