Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

މާލޭ ރައްޔިތުންނަށް ގޯތި ދޭނެ، އެކަން ހަގީގަތަކަށް ވާނެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިނިސްޓަރު މުހައްމަދު އަސްލަމް- ފޮޓޯ: ރައީސް އޮފީސް

މާލޭގެ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޭނެ ކަމަށާއި، އެކަން ހަގީގަތަކަށް ވާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރު އަލީ އާޒިމް ވަނީ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން ވައުދުވެ އެކަން ކުރާނެ ކަމަށް ތަކުރާރުކޮށް ބުނަމުން އަންނަ ކަމަށާއި އެހެންނަމަވެސް އަދިވެސް ގޯތި ދީފައިނުވާކަމަށެވެ. އެހެންކަމުން އަލީ އާޒިމް ވަނީ ގޯތި ދޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހެއްދެވިގޮތަށް ދައުރު ނިމެންދާއިރު ހަމައެކަނި ލިޔުމެއް ދީގެންތޯ ސުވާލު އުފައްދަވާފައެވެ.

އުސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް މި ސަރުކާރުން ދޭނެ ކަމަށެވެ. ދޭނީ ހަމައެކަނި ލިޔުމެއް ނޫންކަމަށާއި ގޯތި ދެއްކުމަށްފަހު އެ ރައްޔިތުންނަށް ގޯތި ދޭނެ ކަމަށް ވިދާޅުވިއެވެ.

އޭގެއިތުރުން މިނިސްޓަރު އަސްލަމް ވިދާޅުވީ ދައުރު ނިމެންވާއިރު ބައެއް ފްލެޓްތައް މީހުން ވަންނަ ވަރަށް ނުނިމިހުރެދާނެ ކަމަށާއި އެހެންނަމަވެސް އަނެއްބައި ފްލެޓްތައް އެކީގައި ނިމޭނެކަމަށެވެ. އަދި ގޯއްޗާއި ފްލެޓް ދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ވެސް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

"ދެން މެންބަރު ފާހަގަކުރެއްވިފަދައިން މިއަދު އަދި މިތިބީ އުންމީދުގައި، އިރާދަކުރެއްވިއްޔާ އެކަން ހަގީގަތަކަށް ވެގެންދާނެ." މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް 5،000 ގޯތި އަދި 4،000 ފްލެޓް ދޫކުރުމަށް ނިންމާ ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލީ 2022 ޖޫން 26 ވަނަ ދުވަހުއެވެ. ރައީސް ސޯލިހް މީގެކުރިން ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން މަދުވެގެން 1000 ގޯތި، ގުޅީފަޅުން މަދުވެގެން 2000 ގޯތި ދޭނެކަމަށެވެ.