Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

މިލަންދު އާއި ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުން ކުރިއަށް

ށ. މިލަންދޫ އަދި ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ދަމުން އަންނަ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 954 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 115 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންޖެހުމުގެ މަސައްކަތް ހިމެނެއެވެ. ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 34.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މީގެއިތުރުން ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށާއި ގޮނޑުދޮށަށް ވެލިއެޅުމުގެ މަސައްކަތުގެ 87 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މި މަޝްރޫއުގެ ދަށުން، 461 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 6600 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅިގެން ދާނެކަމަށްވެސް އެމްޓީސީސީން ބެފައިވެއެވެ. މި މަޝްރޫއަކީ 26.27 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.