Last Updated: June 20, 09:55
Saturday, June 20, 2026
ޚަބަރު

މަސްދަރު ހާމަކުރުމާ ގުޅޭ އިސްލާހު ފާހެއް ނުވި

ނޫސްވެރިން މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ހެއްކާ ބެހޭ ގާނޫނުގައި އޮތް މާއްދާ އަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާހެއް ނުވި އެވެ.

މަސްދަރު ހާމަކުރަން ލާޒިމުވާ ގޮތަށް ފަރުމާކުރި ހެއްކާ ބެހޭ ބިލު މަޖިލީހުން ފާސްކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 18 ޖުލައިގައި ތަސްދީގުކުރެއްވި އިރު، ނޫސްވެރިން ދިޔައީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެންވެ، އެ ކަންބޮޑުންތަކަށް ހައްލެއް ހޯދުމަށް، މަސްދަރު ހާމަކުރަށް އެންގުމުގެ ބާރު ހައި ކޯޓަށް އެކަނި ދިނުމަށް ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން މިދިޔަ ނޮވެމްބަރުގައި އެ ގާނޫނަށް އިސްލާހު ހުށަހެޅި އެވެ.

ނަމަވެސް އެ ބިލު ދިރާސާކުރުމަށް ފަހު ޖުޑިޝަރީ ކޮމިޓީން ފާސްކުރި ރިޕޯޓަށް މިއަދުގެ ޖަލްސާގައި ވޯޓަށް އެހިއިރު، ގިނަ މެމްބަރުންގެ ތާއީދު ލިބިފައި ނުވާތީ އެ ބިލު ވަނީ ފާސްނުކޮށް އަނބުރާ ކޮމިޓީއަށް ފޮނުވަން ނިންމައިފަ އެވެ.

މަޖިލީހުގައި މިއަދު އެ އިސްލާހުތަކަށް ވޯޓަށް ހުޅުވާލުމުން 31 މެންބަރުން ބިލު ފާސް ނުކުރަން ވޯޓު ދެއްވި އިރު، ބިލު ފާސް ކުރަން ވޯޓު ދެއްވީ 12 މެންބަރެކެވެ.