Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

ކޮތަޅު މައްސަލައަށް މީރާގެ ހައްލަކީ އިންޕުޓް ޓެކްސް

ރައްޔިތުންގެ މަޖިލީހުގެ އެންވައިރޮމެންޓް ކޮމެޓީގައި މީރާއިން ބައިވެރިވަނީ / ފޮޯޓ: މަޖިލިސް

ކޮތަޅު ބޮނޑިއެއް އަގު އުފުލިގެންދާ މައްސަލަ ހައްލު ކުރަން އިންޕުޓް ޓެކްސްއާއި އާއި ގުޅޭ މާއްދާއެއް ކުނި މެނޭޖް ކުރުމުގެ ޤާނޫނުގައި ހިމަނައިފި ނަމަ މައްސަލަ ހައްލު ވެދާނެ ކަމަށް މީރާއިން ބުނެފިއެވެ.

ޕްލާސްޓިކް ކޮތަޅުން ފީ ނެގުމާގުޅޭގޮތުން ހުރި މައްސަލަތަކާއި މެދު މަޝްވަރާ ކުރުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ބޭފުޅުންނާ، ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ކޮމެޓީން ވަނީ ކޮތަޅު ބޮނޑި އަގުބޮޑުވުމުގެ މައްސަލާގައި މީރާއާއި ސުވާލުކޮށްފައެވެ. އަދި މިކަން ހިނގަމުންދާ ގޮތް ކޮމެޓީން ވަނީ ސާފުކޮށްފައެވެ.

ކޮމެޓީގެ ނުރުހުން މީރާއަށް

މިމައްސަލާގައި ކޮމިޓީން ވަނީ ކޮތަޅުން ފީ ނެގުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް މީރާއާއި ހަވާލު ކުރެވި، އަދި ޓެކްސްއާއި ބެހޭ ޤާނޫނުގެ ދަށުން އެކަން ކުރުމަށް ޤާނޫނުގައި ލިޔެވިފައި އޮވެ، މިފަދަ މައްސަލައެއް ކުރިމަތިވީ ކީއްވެތޯ ސާފުކޮށްފައެވެ. އެގޮތުން ކޮތަޅު އުފައްދާ ފަރާތުން ހޯލްސޭލަރު ގަންނަ އިރު ކޮތަޅަށް ދެ ރުފިޔާ ލެވިފައި، ހޯލްސޭލަރު އަތުން ރީޓެއިލަރު ގަންނައިރު އެއަށް ދެ ރުފިޔާ ލެވިފައި އަދި އޭގެ ފަހުން ކަސްޓަމަރު އަތުން ދެ ރުފިޔާ ނެގޭ ކަމަށްވަންޏާ ޤަނޫނުގެ ނެރެން ބޭނުންވާ ނަތީޖާ ނުނެރެވޭ ކަމަށް ފާހަގަ ކޮށްދެއްވިއެވެ.

މިކަމުގައި މީރާއިން ބުނެފައިވަނީ، ޤާނޫނުގައި ބުނެފައިވަނީ ކޮންމެ ވިޔަފާރި ހަރަކާތަކުން 2 ރުފިޔާ ނެގުން ކަމަށްވާއިރު، ހޯލްސޭލް އަދި ރީޓެއިލަރުގެ އިތުރުން އުފައްދާ ފަރާތްތައްވެސް ވިޔަފާރިތަކުގެ ގޮތުގައި ބެލޭ ކަމަށެވެ. އެހެން ކަމުން އާންމު ރައްޔިތު މީހާ ހިސާބަސް ކޮތަޅު ދާއިރު މަދުވެގެން ތިން ފިޔަވަޅު އެޅި 6 ރުފިޔާ ކޮތަޅަކުން އިތުރުވެގެންދާކަން މީރާއިން ފާހަގަކުރިއެވެ. އަދި ޤާނޫނު މިގޮތަށް ފާސްވިކަން އެނގުމާއިއެކު މިމައްސަލަ މިގޮތަށް ނިކުމެދާނެ ކަމަށް ސަރުކާރުގެ ކަމާއި ބެހޭ މިނިސްޓްރީތަކަށް މީރާއިން އަންގާފައިވާނެ ކަމަށް މީރާއިން ބުނިއެވެ.

ކޮމެޓީގެ މުޤައްރިރުގެ ގޮތުގައި އިންނެވި ހޯރަފުށީ ދައިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ ޓެކްސް ނިޒާމުގެ ތެރެއިން ޖީއެސްޓީ ނަގާއިރުވެސް މިކަން ހައްލު ކުރެވޭ ގޮތަށް ޓެކްސް ޤާނޫނުގައި އޮތްއިރު، އިންޕުޓް ޓެކްސް ނިޒާމު ކޮތަޅުން ފީ ނެގުމުގެ ބޭނުން ނުކުރެއްވުމުން އެކަމާއި ސުވާލު އުފައްދަވާފައެވެ.

އިންޕުޓް ޓެކުހަކީ ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ އެއް ފަރާތުން ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ އަނެއް ފަރާތަށް ދައްކާ ޖީ.އެސް.ޓީގެ އަދަދެވެ. އެއީ ވިޔަފާރީގެ ބޭނުމަށް ގަންނަ މުދާ ނުވަތަ ހޯދާ އަގުގެ ތެރޭގައި ހިމެނޭ ޖީ.އެސް،ޓީގެ އަދަދެވެ. ޖީ.އެސް.ޓީ ބަޔާން ހުށަހަޅާއިރު ވަކި ހާލަތްތަކެއްގައި މެނުވީ މި އަދަދު އުނިކުރެވޭނެއެވެ.

މީރާއިން ބޭނުން ވަނީ އިންޕުޓް މެކޭނިޒަމް ޤާނޫނުގައި ހިމަނަން

މިކަމަށް ޖަވާބު ދެމުން މީރާއިން ވަނީ އެކަމަކީ ޖީއެސްޓީގެ ޤާނޫނުގެ ދަށުން ޖީއެސްޓީއަށް ހާއްސަވެފައިވާ ކަމަކަށްވުމުން އެ ޤާނޫނު މިކަން ހައްލު ކުރުމަށް އެޕްލައި ކުރެވިދާނެ ކަމަށް މީރާއަށް ޤަބޫލު ނުކުރެވޭ ކަމަށް ބުނެފައެވެ.

" އިންޕުޓް ޓެކްސްގެ މެކޭނިޒަމް އެއް އެބައޮތް ޖީއެސްޓީ ޤާނޫނު ތެރޭގައި. އެއީ ހަމަ ޖީއެސްޓީއަށް މިއޮންނަނީ އިންޕުޓް ކަނޑަން. އަޅުގަނޑުމެންނަށް މާނައެއް ނުކުރެވޭ މި ފީއަށް އޭތި އެޕްލައި ކުރެވޭނެ ކަމަށް " މިރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަސްމާ ޝަފީއު ވިދާޅުވިއެވެ.

މީގެ އިތުރުން މީރާއިން ވަނީ ކޮތަޅު ބޮނޑިއަކުން އަގު ނެގުމަކީ ހައްލެއް ކަމަށް ނުދެކޭ ކަމަށް މިރާއިންވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މީރާގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު އަލީ ވަހީދު ވިދާޅުވީ، އެހެން ހިމަނައިފި ކަމަށްވަންޏާ ޕްލާސްޓިކް ކޮތަޅު މަދު ކުރަން ޤާނޫނުން ވިސްނާފައި އޮތް ވިސްނުން، ތަންފީޒު ނުވެ ހިނގައި ދާނެ ކަމަށެވެ.

" މިސާލަކަށް ޖީއެސްޓީ ޤާނޫނުގައި އެއިން ކަހަލަ އައުޓްޕުޓް އިންޕުޓް މެކޭނިޒަމްއެއް ގެންނަން ބޭނުންވާ ކަމަށް ވަންޏާ އެކަން ޤާނޫނުގައި ލިޔުއްވާލެ ދޭށޭ. އޭރުން އެވާނެ ރަނގަޅު އިފެކްޓިވް މެކޭނިޒަމް އަކަށް " ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ

ކޮމެޓީގެ ބައެއް މެންބަރުން ވަނީ ޓެކްސްއާއި ބެހޭ ޤާނޫނާއި އެއްކޮށް މި ޤާނޫނު ކިޔަން ވަކިން ހިިމަނާފައި އޮވެ، އަނެއްކާ އަލުން އެވާހަކަ މި ޤާނޫނަށް ގެންނަން ޖެހޭ ނަމަ އެއީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެއެވެ.

ސަރުކާރުން ކުނި މެނޭޖް ކުރުމާއި ބެހޭ ޤާނޫނު ތަންފީޒު ކުރުމާއިއެކު މި އެޕްރީލް މަހު ނަގަން ފެށި ކޮތަޅު ފީ ގެ ސަބަބުން ބައެއް ކޮތަޅު ބޮނޑި އަގު އުފުލިގެން ދިއުމުން ވަނީ ސަރުކާރަށް ފާޑު ކިއުން އަމާޒުކޮށްފައެވެ. މިކަމުގެ އެންވައިރޮމެންޓް މިނިސްޓަރ ޝައުނާ ވަނީ މަޖިލީހަށް ހުށަހެޅި އިރު 50 ގެ ކޮތަޅު ބޮނޑިން ނުނެގުމަށް ހިމަނާފައި އޮތް ބައި ކޮމެޓީން އުނި ކުރުމުން، ދިމާވި މައްސަލައެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފައެވެ.