Last Updated: June 7, 22:00
Monday, June 8, 2026
ވިޔަފާރި

ޗައިނާއިން ގިނައިން ބޭނުން ކުރަނީ ޔޫއާން

ޑޮލަރާއި އެކު ޗައިނާގެ ޔޫއާން / ފޮޓޯ: ރޮއިޓާސް

ޗައިނާއިން އެހެން ޤައުމުތަކާއި އެކު ކުރާ މުޢާމަލާތްތަކުގައި ޑޮލަރަށް ވުރެ އެ ޤައުމުގެ އަމިއްލަ ފައިސާ ޔޫއާން ބޭނުން ކުރާ މިންވަރު އިތުރުވެއްޖެއެވެ.

މިއީ ޑޮލަރަށް ވުރެ ގިނައިން ޔޫއާން ޗައިނާއިން ބޭނުން ކުރާ ކަމަށް ރެކޯޑު ކުރެވުނު ފުރަތަމަ ފަހަރެވެ. އަދި މިއީ ބައިނަލްއަޤްވާމީ ވިޔަފާރީގައި ޔޫއާން ބޭނުން ކުރާ މިންވަރު އިތުރު ކުރުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތަށް ބާރު ލިބިގެން ދިޔަ ކަމެކެވެ. ޑޮލަރަށް ވުރެ ޔޫއާން ބޭނުން ކުރާ މިންވަރު އިތުރުވިކަން ދައްކާފައިވަނީ މާރިޗު މަހުގެ ތަފާސް ހިސާބުތަކުން ކަމަށް ރޮއިޓާސް އިން ރިޕޯޓް ކުރެއެވެ.

އެގޮތުން ޗައިނާގެ ޔޫއާން މާރިޗު މަހު ބޭނުން ކުރި މިންވަރު 549.9 ބިލިއަން ޑޮލަރަށް ވަނީ އަރާފައެވެ. މީގެ ކުރީން ފެބްރުއަރީ މަހު އެއަދަދު ހުރީ 434.5 ބިލިއަން ޑޮލަރުގައި ކަމަށް ޗައިނާ ފޮރިން އެކްސްޗޭންޖް އެޑްމިނިސްޓްރޭޝަންގެ ތަފާސް ހިސާބުތައް ދައްކައެވެ.

މި ތަފާސް ހިސާބުތަކަށް ރޮއިޓާސްއިން ގުނާލި އިރު ޗައިނާގެ ވިޔާފާރީގެ ހުރިހާ މުޢަމާލާތެއްގެ ތެރެއިން 48.4 އިންސައްތަ މުޢާމަލާތްތަކުގައި ވަނީ ޔޫއާން ބޭނުންކޮށްފައެވެ. އެމެރިކާގެ ޑޮލަރު ބޭނުން ކުރި މިންވަރު ވަނީ 46.7 އިންސައްތައަށް ތިރިވެފައެވެ. މިއަދަދު ތަކުގައި ކަރަންޓު އަދި ކެޕިޓަލް ޙަރަދުތައްވެސް ހިމެނެއެވެ.

ޗައިނާއިން ޔޫއާން ޑޮލަރަށް ވުރެ ގިނައިން ބޭރު ވިޔަފާރީގައި ބޭނުން ކުރަން ފެށި ނަމަވެސް، އަދިވެސް ބައިނަލްއަޤްވާމީ މުޢަމަލާތްތަކުގައި ގިނައިން ބޭނުން ކުރަނީ ޑޮލަރެވެ. އަދި ޔޫއާން ޑޮލަރާއި އަޅައި ބަލާއިރު ބޭނުން ކުރާ މިންވަރު ދަށެވެ. ނަމަވެސް ވޭތުވެ ދިޔަ އަހަރުތަކުގައި ޔޫއާން އަންނަނީ ފައިހަމަ ކުރަމުންނެވެ.

ސްވިފްޓް ތަފާސް ހިސާބުތައް ދައްކާގޮތުން ބައިނަލްއަޤްވާމީ މުޢާމަލާތްތަކުގެ 83.7 އިންސައްތަ އަކީ ޑޮލަރެވެ.