Last Updated: July 15, 18:06
Thursday, July 16, 2026
ކުޅިވަރު

ސިޓީން އާސެނަލް އަށް ފެންވަރު ދައްކާލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީން 4-1 އިން އާސެނަލް ބަލިކޮށްފި އެވެ.

މި މޮޅާއެކު ސިޓީ ލީގުގެ ދެވަނައިގައި މިހާރު އޮތީ 31 މެޗުން ލިބުނު 73 ޕޮއިންޓާ އެކު އެވެ. އެއްވަނައިގައި އާސެނަލް އޮތީ 33 މެޗުން ލިބުނު 75 ޕޮއިންޓާ އެކު އެވެ. މި މޮޅާއެކު ލީގުގައި ބާކީ ދެން ކުޅޭ ހުރިހާ މެޗަކުން މޮޅުވެއްޖެނަމަ ސިޓީ އަށް ލީގު ލިބޭނެ އެވެ.

ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ހަތްވަނަ މިނެޓްގައި ކެވިން ޑި ބްރޭނާ ވަނީ ސިޓީ އަށް ލީޑު ނަގައިދީފަ އެވެ. ޑި ބްރޭނާ މި ގޯލު ކާމިޔާބު ކުރީ އާސެނަލްގެ ޕެނަލްޓިއޭރިއާގެ ބޭރުގައި ހުރެ ތިރިން ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.

މި ގޯލަށް ފަހު ސިޓީން ދިޔައީ ކައިރިކައިރީގައި އާސެނަލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ސިޓީގެ އިތުބާރު ފޯވާޑް އާލިންގް ހާލަންޑް ފޮނުވާލި ދެ ހަމަލާއެއް އާސެނަލްގެ ގޯލްކީޕަރު އާރޮން ރަމްސްޑޭލް ދިފާއުކުރިއިރު ހާލަންޑް ފޮނުވާލި އިތުރު ހަމަލާއެއް ގޯލުގެ ކުޑަތަންކޮޅެއް ދިޔައީ ބޭރުންނެވެ.

މި ފުރުސަތުތަކުގެ ބޭނުން ނުހިފުނު ނަމަވެސް ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ޖޯން ސްޓޯންސް ވަނީ ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. އާސެނަލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ސްޓޯންސް ގޯލާއި އަމާޒުކޮށްލީ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު ހާލަންޑް ދިން ޕާހަކުން ޑި ބްރޭނާ ވަނީ ސިޓީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފަ އެވެ.

އާސެނަލްގެ ހަމައެކަނި ގޯލު މެޗުގެ 86 ވަނަ މިނެޓްގައި ރޮބް ހޯލްޑިން ކާމިޔާބުކޮށްދިން އިރު ސިޓީގެ ފަހު ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ހާލަންޑެވެ. މިއީ ލީގުގައި އޭނާ ކާމިޔާބު ކުރި 33 ވަނަ ގޯލެވެ.

މިއީ ލީގުގައި ސިޓީން ޖެހިޖެހިގެން ހޯދި 7 ވަނަ މޮޅު ކަމަށްވާއިރު މިއީ މޮޅެއް ނުލިބި އާސެނަލް ނިންމާލި ހަތަރުވަނަ މެޗެވެ. އެންމެފަހުން އާސެނަލް ކުޅުނު ތިން މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ.