Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ސިމް ލިމިޓްކުރާ ގަވައިދު ހަދަން 15 ދުވަސް

އޮޅުވާލައިގެން ފައިސާ ހޯދުން ފަދަ ސްކީމްތަތަކާ ދެކޮޅަށް މަސައްކަތްކުރަން ކޮންމެ މީހަކަށް ގަނެވޭ ސިމްގެ އަދަދު ލިމިޓް ކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީ (ކެމް) އިން ހަދަން ޖެހޭ ގަވައިދު 15 ދުވަސްތެރޭ ނިންމަން ލަފާދީފައިވާ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އިއްޔެގެ ޖަލްސާގައި މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް (އެސްއޯއީ) ކޮމިޓީން ލަފާ ދިން ގޮތަށް 45 މެންބަރުންގެ އިއްތިފާގުން ރިޕޯޓް ފާސް ކޮށްފަ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން ކަސްޓަމަރުން އަލަށް ނަގާ ސިމްތަކުގެ މައުލޫމާތު ފުރިހަމަ ނުކޮށް ބޭނުންކުރާ މައްސަލަ މިދިޔަ އަހަރު ޑިސެމްބަރު މަހުން ފެށިގެން ހައްލުކޮށްފައިވާ ކަމަށާއި ނަމަވެސް އޭގެ ކުރިން ނަގާފައިވާ ސިމް ކާޑުތަކުގެ މައްސަލަ ހައްލުކޮށްފައެއް ނުވެ އެވެ.

ރާއްޖޭގައި ބޭނުންކުރާ ހުރިހާ ސިމްތަކަކީ ރަޖިސްޓްރީވެފައިވާ ނަމްބަރުތަކެއްކަން ކަށަވަރު ކުރުމަށާއި އެ ނަމްބަރުތަކުގެ ވެރިފަރާތް ފަސޭހައިން ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރަބް ކެމް އަށް ހުށަހަޅަން އެ ރިޕޯޓުގައި ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން މަޖިލީހުން މި ރިޕޯޓު ފާސްކުރާތާ 15 ދުވަހުގެ ތެރޭގައި ސިމް ކާޑުގެ އެކްސެސް ވަކި އަދަދަކަށް ލިމިޓުކޮށް، ސިމް ކާޑުތައް ރެގިއުލޭޓް ކުރުމަށް ކެމް އިން އެކުލަވާލަމުން އަންނަ ގަވައިދު ނިންމައި ގެޒެޓް ކުރުމަށް ލަފާ ދީފައިވެ އެވެ.

ރިޕޯޓުގައިވާ ގޮތުން ފްރޯޑް ކޯލްތަކުގެ މައްސަލަ ފެށިގެން އަންނަނީ މާފުށީ ޖަލުންނެވެ. އެފަދަ ކޯލްތައް ޓެޕް ކުރުމަށް ހަރުކޮށްފައިވާ ޓަވަރަށް ލިބޭ 14 މައުލޫމާތެއް ހިއްސާ ކުރުމަށް އެއްބަސްވެފައިވީ ނަމަވެސް ޓެލެކޮމިއުނިކޭޝަން ސާވިސް ޕްރޮވައިޑަރުން ހިއްސާ ކުރަމުން ގެންދަނީ ނުވަ މައުލޫމާތެއް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަ ހައްލު ކުރުމަށް މަލްޓި އެޖަންސީ ޓާސްކް ފޯސްއެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އިސްނެގުމުގެ މަތިން އެކުލަވައިލުމަށް ދަންނަވައި އިދާރާތައް ގުޅިގެން މަސައްކަތް ކުރުމަށާއި މައްސަލަތައް މަދުކޮށް ފިޔަވަޅު އެޅޭނެ ނިޒާމެއް ވެސް އެ ރިޕޯޓު ފާސް ކުރާތާ 15 ދުވަސް ތެރޭގައި ގާއިމް ކުރުމަށް ލަފާ ދީފައިވެ އެވެ.

އަދި ފްރޯޑްގެ މައްސަލަތަކަށް މީހުން ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރުމަށާއި ކަމާގުޅޭ ގޮތުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތައް ވީހާ ވެސް އަވަހަށް ފާސް ކުރުމަށް ވެސް އެ ރިޕޯޓުގައި އެދިފައިވެ އެވެ.