Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

އިޔާޒާއި ޒައިދުގެ ފާޑުކިޔުންތަކެއް މިނިސްޓްރީ އަށް

ހައްޖަށް މީހުން ގެންދަން ގްރޫޕްތަކަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދޭ ގޮތާއި ބައެއް ހައްޖު ގްރޫޕްތަކުން އަމަލުކުރާ ގޮތާ މެދު ރާއްޖޭގެ މަޝްހޫރު ދެ ދީނީ އިލްމުވެރިއަކު ފާޑު ވިދާޅުވެއްޖެ އެވެ.

އެ ދެ ބޭފުޅުންނަކީ ޑރ. މުހައްމަދު އިޔާޒާއި ޝެއިހް އަލީ ޒައިދެވެ.

ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަކި އަދަދަކަށް މީހުން ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ބިޑް ކާމިޔާބުކުރުމަށް ފަހު، މޭޒުދަށުން ބައެއް ހައްޖު ގްރޫޕްތަކުން 150،000 ނަގާ ވާހަކަ އަޑު އައްސަވާފައިވާ ކަމަށެވެ.

"މި ފައިސާ ހަލާލެއް ނުވާނެ. ބިޑް ކާމިޔާބުކުރާކަށް މަޖުބޫރު ކަމެއް ނެތް. އަގުހެޔޮކޮށް ނުވަންޏާ ކުރިމަތި ނުލާނީ. ދޮގު ހަދާކަށް ނުޖެހޭ." ޒައިދު ވިދާޅުވި އެވެ.

އޭނަގެ މި ޓްވީޓާ ގުޅިގެން އިޔާޒް ވިދާޅުވީ މިމައްސަލާގައި މިފަދަ މައްސަލަތަކުގައި އިސްލާމިކް މިނިސްޓްރީގެ އިހުމާލު ވަރަށް ބޮޑުކަން ހިތާމައާ އެކީ ފާހަގަ ކުރަން ޖެހޭ ކަމަށެވެ.

"ޕްރޮޕޯސަލްގައި ޖަހާފައި ހުރި ޚިދުމަތްތައް އެ އަގަށް ނުދެވޭނެކަން ޔަޤީންވާ ޙާލު، އެފަދަ ކުންފުނިތަކަށް ހުއްދަ ދޭތީ މައްސަލަ އަކީ. ބުނާ ކަހަލަ "ޕްރޮޕޯސަލް ކާމިޔާބު ކުރުމަށް ކުޑަ އަގެއް ޖަހާށޭ." އޭނަ ވިދާޅުވި އެވެ.

މިނިސްޓްރީ އަށް އިޔާޒް ފާޑު ވިދާޅުވި އިރު، އިސްލާމިކް މިނިސްޓަރަކަށް ހުންނެވީ އޭނަ ނިސްބަތްވާ އަދާލަތު ޕާޓީގެ މެމްބަރެއް ކަމަށްވާ ޑރ. އަހުމަދު ޒާހިރު އަލީ އެވެ.

މި އަހަރު ހައްޖަށް ގެންދަން ޝައުގުވެރިވާ ފަރާތްތަކަށް މިނިސްޓްރީން ހުޅުވާލުމުން 11 ކުންފުންޏަކުން ކުރިމަތިލި އެވެ. އަދި ހުއްދ ދިނީ ތިން ގްރޫޕަކަށެވެ. އެއީ އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑެވެ.

މި ތިން ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް ވެސް ދީފައި ވަނީ 90 ޖާގައިގެ ކޯޓާ އެވެ. ހަރަމައިން ހައްޖަށް މީހުން ގެންދަން ހުށަހަޅާފައިވާ އަގަކީ 75،250ރ. އެވެ. ސިސިލްފަރުން ހުށަހަޅާފައި ވަނީ 75،465ރ. އެވެ. އަދި އަލްމަނާސިކުން ހުށަހަޅާފައި ވަނީ 75،000ރ. އެވެ.

މި އަހަރު ރާއްޖެ އަށް ލިބުނީ 1،000 ހައްޖު ކޯޓާ އެވެ. ތިން ކުންފުންޏަކަށް 270 ކޯޓާ ދިނުމަށް ފަހު، މިނިސްޓްރީން ބާކީ ކޯޓާ ހާއްސަކޮށްފައި ވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށެވެ.