މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "އާރްއާރްއާރް" ގެ ބަތަލު އެންޓީއާރް ޖޫނިއާ އެކީ މަސައްކަތްކޮށްލަން ބޭނުންވާ ކަމަށް ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ޖޭމްސް ގަން ބުނެފި އެވެ.
އޭނަގެ "ގާޑިއަންސް އޮފް ދަ ގެލެކްސީ" ގެ ތިން ވަނަ ބައިގެ ޕްރޮމޯޝަންގެ ތެރެއިން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި "އާރްއާރްއާރް" ގައި އެންޓީއާރް ކޮށްފައިވާ މަސައްކަތް ވަރަށް ފުރިހަމަ ކަމަށް ބުނެ ތައުރީފުކޮށްފައިވެ އެވެ. އަދި އެ ފިލްމުގައި އޭނަ ކުޅެފައިވާ ރޯލު ގަން ސިފަކުރީ "ވަރަށް މޮޅު، ކޫލް" ކެރެކްޓާއެއް" ގެ ގޮތުގަ އެވެ.
ހާއްސަކޮށް "އާރްއާރްއާރް" ގައި ހިމެނޭ މަންޒަރެއްގައި އެންޓީއާރް، މިނިކާވަގަކާ ކުރިމަތިލާ މަންޒަރު ވަރަށް ވެސް ފުރިހަމަ ކަމަށް ގަން ބުންޏެވެ.
"އެހެންވެ އުންމީދު ކުރަން އޭނައާ އެކީ ކޮންމެވެސް ދުވަހަކުން މަސައްކަތްކޮށްލެވޭނެ ކަމަށް." ސުޕަމޭންގެ ކުރިއަށް އޮތް ފިލްމުގެ ޑައިރެކްޝަނާ ވެސް ހަވާލުވެފައިވާ ގަން ބުންޏެވެ.
ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރަކު އެންޓީއާރް އަށް ތައުރީފުކޮށް ވާހަކަ ދެއްކި އިރު، މަޝްހޫރު ތެލެގޫ އެކްޓަރު ވަނީ މާވެލް ޔުނިވާސްގެ ފިލްމަކަށް ޝައުގުވެރިކަން ވެސް ފާޅުކޮށްފަ އެވެ.
އެސްއެސް ރާޖަމޯލީ ޑައިރެކްޓްކުރި "އާރްއާރްއާރް" ހުޅަނގުގައި ހޯދި ބޮޑު ކާމިޔާބީއާ ގުޅިގެން އެ ފިލްމުގެ އެކިއެކި ފަންނާނުންނަށް ބޭރުގެ އޮފާތައް އަންނަނީ ލިބެމުންނެވެ. އެގޮތުން ރާޖަމޯލީ ވެސް ހޮލީވުޑްގެ އެޖެންސީއަކާ އެކީ ސޮއިކޮށްފައިވާ އިރު، "އާރްއާރްއާރް" މުހިއްމު ރޯލެއް ކުޅުނު އަނެއް ބަތަލު ރާމް ޗަރަން އަށް ވެސް ހޮލީވުޑުން ހުށަހެޅުންތަކެއް ލިބިފައިވެ އެވެ.