ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރަށްޤީގެ މަސައްކަތް ހަވާލު ކުރެވިފައިވާ އިންޑިއާގެ ރެނާޓަސް ކުންފުނިން އައިސް މޯބިލައިޒްވާން ފަށާފައިވާ ކަމަށް ހައުސިންގް މިނިސްޓްރީން ހާމަކޮށްފިއެވެ.
ހައުސިންގް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ޔަސްރިފް ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި އައްޑޫގެ ތަރައްޤީއަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ މިމަޝްރޫޢު ހަވާލު ކުރުމާއި ހަމައިން އައްޑޫގެ ރައްޔިތުންނަށް ގަން ތަރައްޤީ ކުރެވޭނެ ކަމުގެ ޔަޤީންކަން ލިބިފައިވާ ކަމަށެވެ.
" އިންޑިއާގެ ކުންފުންޏާއި ހަވާލު ކުރުމާއި ހަމައިން، އަޅުގަނޑުމެން އައްޑޫގެ ރައްޔިތުންނަށް ޔަގީންކަން ލިބިއްޖެ. އެކުންފުނީގެ ބޭފުޅުން އައިސް މިހާރު ގަމުގައި މަސައްކަތް ފަށައިފި " ޔަސްރިފް ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރެނާޓަސް ކުންފުނީގެ އިނީޝިއަލް ޓީމުން މިހާރު ގަމަށް އައިސް މަސައްކަތް ފެށުމުގެ ކުރިން ކުރަން ޖެހޭ ސާވޭތައް ކުރަމުންނެވެ. އަދި ކުރިއަށް އޮތް ދުވަސް ތަކުގައި ސައިޓް މޯބަލައިޒް އެއްކޮށް ކުރެވި، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭ ސައިޓް ޢަމަލީ މަސައްކަތް ފެށިގެންދާނެއެވެ.
With the completion of the project, Gan International Airport's terminal will have the capacity to cater to 1.5 million passengers per annum and will entail duty-free shops, restaurants, lounges, and other modern facilities.
— Economy & Trade (@MoEDmv) March 5, 2023
އެއާޕޯޓް ތަރައްގީ ކުރަން ނިންމާފައި ވަނީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ގޮތަށެވެ. އެގޮތުން ޒަމާނީ ފެންވަރަށް ޓާމިނަލް ތަރައްގީކޮށް، ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ލައުންޖުތަކުގެ އިތުރުން، އައު ކޮންޓްރޯލް ޓަވަރަކާއި ފަޔަ ސްޓޭޝަނެއް ގާއިމުކުރަން ހަމަޖެހިފަ އެވެ. އަދި އެއާޕޯޓުގައި ކޯލްޑް ސްޓޯރޭޖަކާ އެކީ ކާގޯ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށް، މަގުތައް ހަދައި ޕާކިންގެ އިތުރުން އެއާޕޯޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ތަރައްގީ ކުރުމަށް ހަމަޖެހިފައިވެ އެވެ.
ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އެއާޕޯޓް އަދި ރާއްޖޭގައި ތަރައްގީކުރި ފުރަތަމަ އެއާޕޯޓް ތަރައްގީކުރަން ސަރުކާރުން ހަވާލުކުރަން ނިންމީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ރެނާޓަސްއާ އެވެ. ގަން އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުއަކީ 29.7 މިލިއަން ޑޮލަރު(455.8 މިލިއަން ރުފިޔާގެ) ޚަރަދުކޮށްގެން ހިންގާ މަޝްރޫޢުއެކެވެ.