ޗާގޯސް މައްސަލާގައި މޮރިޝަސްގެ ރައީސްއަށް ފޮނުވާފައިވާ ސިޓީ ބާތިލް ސިޓީއެއް ކަމަށް ކަނޑައެޅުމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އިސްވެ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
މިމައްސަމަ މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، މައްސަލަ ހުށަހަޅާފައިވަނީ ތިން ބޭފުޅެއްގެ ނަންމަތީގައެވެ. އެއީ އުމަރު ނަސީރު، މުހައްމަދު މުސްތާޤް، އަދި ލެފްޓިނެންޓް ކާނަލް، (ރޓޑ) ޒުބެއިރް އަހުމަދު މަނިކްއެވެ. މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް އަދި މިހާތަނަށް ކޯޓަށް ބަލައި ނުގަނެއެވެ.
މިމައްސަލަ ހުށަހަޅުއްވާ އުމަރު ވިދާޅުވީ، މިމައްސަލަ ހުށަހެޅީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިދިޔަ އަހަރު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީއާއި ގުޅިގެން ކަމަށެވެ. އެގޮތުން އެސިޓީ ޗާގޯސް އަކީ މޮރީޝަސްގެ ސިޔާދަތީ ބާރު އޮތްތަނެއް ކަމަށް ރާއްޖެއިން ޤާބޫލުކުރާނަމަ، އެ ލިޔުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ ޚިލާފަށް ޣައިރުދުސްތޫރީ އަދި ޣައިރުޤާނޫނީ ގޮތުގައި ފޮނުވައިފައި ވާ ލިޔުމެއް ކަމަށް ކަނޑައެޅުމަށެވެ.
އުމަރު ހުށަހެޅި މައްސަލާގައި 9 ކަމެއް ފާހަގަކޮށްފައިވޭ
މިމައްސަލަ ކޯޓަށް ހުށަހެޅުމުގައި 9 ނުކުތާއެއް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ކޯޓަށް މައްސަލަ ހުށަހެޅުމުގައި ފާހަގަކޮށްފައިވާ ނުގުތާތަކުގެ ތެރޭގައި ރާއްޖޭގެ ޤާނޫނުނުން ރާއްޖޭގެ އިންވަކިކުރުމުގެ އެއްވެސް މައްސަލައެއް ނިންމޭނީ މަޖިލީހުގެ އަޢުލަބީއްޔަތެއް އޮވެގެން ކަމަށެވެ. އެހެން ކަމުން ޗާގޯސްއާއި މެދު މިފަދަ ނިންމުމެއް އަދި މިހާތަނަށް ނެތްކަން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ރައީސްއަށް ލިބިދީފައިވާ ބާރުތަކުގެ ތެރޭގައި ދައުލަތުގެ ސަރަހައްދީ އިން އިތުރު ކުރުމާއި މަދު ކުރުމުގެ ބާރު ނުވަތަ ޓެރިޓޯރިއަލް އެއްވެސް ބާރެއް ދީފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.
އަދި ޤާނޫނުން ރައީސްގެ މަސްއޫލީއްޔަތުގެ ތެރޭގައި މިނިވަންކަމާއި ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމުގެ ވާޖިބް ހަވާލުކޮށްފައިވާ ހިނދު، ރާއްޖޭގެ ކަނޑުގެ ސަރަަހައްދުން ބައެއް ގެއްލޭގޮތަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ޤާނޫނުއަސާސީގެ 115 (ރ) އާ ޚިލާފަށް، ރާއްޖޭގެ ސަރަޙައްދުގެ ރައްކާތެރިކަން ގެއްލޭ ގޮތަށް ކޮށްފައިވާ ޢަމަލެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން ރައީސް މޮރިޝަސް ބޮޑުވަޒީރަށް ފޮނުވާފައިވާ ސިޓީއަކީ ޓެރިޓޯރިއަލް މައްސަލައެއް ނިންމޭ ކަހަލަ ލިޔުމަކަށް ވާހިނދު، ރައްޔިތުންނަށް އެފަދަ ލިޔުމެއް ޤާނޫނު އަސާސީގެ ދަށުން ސިއްރު ނުކުރެވޭނެ ކަން ވަނީ ފާހަގަކޮށްފައެވެ.
އަދި ޗާގޯސްއަކީ ރާއްޖޭގެ ބައެއްކަމަށް ދިވެހި ރަސްކަލުން ސިއްކަ ޖައްސަވައި ފޮނުވާފައިވާ ލިއުންތަކުން އެންގެން އޮތް ކަމަށާއި މޮރިޝަސް އިން ޗާގޯސްގެ މައްޗަށް ކުރާ ދައުވާއަކީ އެއްވެސް އަސާސެއް ނެތް ދައުވާއެއް ކަމަށް ވަނީ ބުނެފައެވެ. އަދި މިހާރު އިޓްލޮސް ހުށަހަޅާފައިވާ މައްސަލަ ރާއްޖެއާއި ދެކޮޅަށް ނިމިއްޖެ ނަމަ އައްޑުއަތޮޅާ ދިމާއިން ދިވެހީންނަށް އެކްސްކްލޫސިވް އިކޮނޮމިކް ޒޯނުގެ ގޮތުގައި ލިބޭން ޖެހޭ ކަނޑުގެ ސަރަޙައްދުން، ޖުމުލަ މިނުން 47914 އަކަ ކިލޯމީޓަރު ދިވެހިރާއްޖެއަށް ގެއްލިގެން ދާނެ އުމަރު ހުށަހެޅި މައްސަލާގައިވެއެވެ.
މީގެ އިތުރުން މޮރިޝަސް އަކީ ދާ އަޅައިގެން މަސްވެރިކަން ކުރާ ޤައުމަކަށްވެފައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަން ފަށައިފި ނަމަ އޭގެއިވާނެ އިޤްތިޞާދީ އެތައް ގެއްލުމެއް ހުރިކަންވެސް މައްސަލާގައި ވަނީ ބަޔާންކޮށްފައެވެ. އޭގެ ސަބަބުން ފޫ ނުބެއްދޭ ފަދަ ގެއްލުން ލިބި، މަސްވެރިކަން ދަށް ވެ، ދިވެހި ޤައުމަށް މަސްވެރިކަމުގެ ޞިނާޢަތުން ލިބޭ އާމުދަނީ ނުހަނު ބޮޑު ތަނުން ދަށްވެ ހުއްޓުމަކަށް އަންނާނެ ކަމަށް އެމައްސަލާގައި ބަޔާންކޮށްފައި ވެއެވެ.
އެދެނީ ރައީސް ފޮނުވި ސިޓީ ހާމަކޮށް، ރާއްޖޭގެ އިމުގެ މައްސަލައަށް އަސަރު ކުރާނަމަ ބާތިލް ކުރަން!
މިމައްސަލާގައި ދައުލަތުގެ މައްޗަށް މޮރިޝަސް މައްސަލާގައި ރާއްޖެއިން ކުރިން ނެންގެވި ސްޓޭންޑް ހިފަހައްޓަން އަމުރުކޮށްދެއްވުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން ރައީސް ފޮނުވި ސިޓީ ހާމަކޮށް، އެ ސިޓީއަކީ އަކީ ޤާނޫނާއި ޙިލާފު ބާތިލް ލިއުމެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށްވެސް ވަނީ ހުށަހަޅުއްވާފައެވެ. އޭޣެ އިތުރުން އެ ލިއުމާއި ގުޅިގެން އެޓާނީ ޖެނެރަލް ކުރައްވާފައިވާ އެންމެހައި ކަންކަން ބާތިލް ކޮށް ދިނުމަށް ވަނީ އެދިފައެވެ.
މީގެ އިތުރުން މައްސަލައާއި ގުޅިގެން ސަރުކާރުން ކޮށްފައިވާ ކަންކަން ބާތިލް ކުރުމުގެ އިތުރަށް މައްސަލާގައި އެއްވެސް ކަމެއް އިތުރަށް ކުރެވޭނީ މަޖިލީހަށް ހުރިހާ ލިއުމެއް ހަޤީގަތް އެނގޭ ގޮތަށް ހުށަހަޅައިގެން ކަމަށް ނިންމަވައި ދެއްވުމަށް އުމަރު ހުށަހެޅުއްވި މައްސަލާގައި ވެއެވެ.
މޮރީޝަސް މައްސަލައަށް މާދަމާ ގޮތެއް ނިންމާނެ
ޗާގޮސް އައިލޭންޑްސް އާއި ރާއްޖެއާއި ދެމެދު ޙިލާފު އުފެދިފައި އޮތް 200 ނޯޓިކަލް މޭލުގެ މައްސަލަައިގައި ގޮތެއް މާދަމާ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީން ނިންމަވާނެއެވެ. މިމައްސަލާގައި ސަރުކާރުން ބުނެފައިވަނީ ރައީސް ފޮނުވާފައިވާ ސިޓީގެ ސަބަބުން އިޓްލޮސްގައި ހިނގަމުންދާ މައްސަލައަށް އަސަރެއް ނުކުރާނެ ކަމަށެވެ. އަދި އިދިކޮޅުން ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލުމަށް މަސައްކަތް ކުރާ ކަމަށް ސަރުކާރުން ވަނީ މިރޭ ނެރުނު ބަޔާނުގައި ވިދާޅުވެއަފައެވެ.