Last Updated: July 15, 18:06
Thursday, July 16, 2026
ކުޅިވަރު

ޓޮޓެންހަމުން ޔުނައިޓެޑް ހުއްޓުވައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ދެ ގޯލު ޖަހާފައިވަނިކޮށް ފަހަތުން އަރައި ޓޮޓެންހަމުން 2-2 އިން އެއްވަރުކޮށް ޕޮއިންޓެއް ހޯދައިފި އެވެ.

މި ނަތީޖާއާއެކު 31 މެޗުން ލިބުނު 60 ޕޮއިންޓާ އެކު ޔުނައިޓެޑް އޮތީ ހަތަރުވަނައިގަ އެވެ. ތިންވަނައިގައި 32 މެޗުން 62 ޕޮއިންޓް ހޯދައިގެން އޮތީ ނިއުކާސަލް ޔުނައިޓެޑެވެ. ޓޮޓެންހަމް އޮތީ 33 މެޗުން ލިބުނު 54 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގަ އެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ 7 ވަނަ މިނެޓްގައި ޖޭޑަން ސަންޗޯ ވަނީ ޔުނައިޓެޑަށް ލީޑު ނަގައިދީފަ އެވެ. ސަންޗޯ މި ގޯލު ކާމިޔާބު ކުރީ ޓޮޓެންހަމްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން މާކަސް ރަޝްފޯޑް ވަނީ ޔުނައިޓެޑްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ދެ ގޯލުގެ ލީޑެއްގައި ޔުނައިޓެޑުން ފުރަތަމަ ހާފް ނިންމާލިއިރު މެޗުގެ 56 ވަނަ މިނެޓްގައި ޕެޑްރޯ ޕޮރޯ ވަނީ ޓޮޓެންހަމްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. މި ގޯލު ކާމިޔާބު ކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ޔުނައިޓެޑްގެ ލީޑު ފުޅާކޮށްލަން ބްރޫނޯ ފެނާންޑޭސް އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

ދެވަނަ ހާފްގައި ޓޮޓެންހަމުން ކުޅުން ރަނގަޅުކޮށް ދިޔައީ ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ހެރީ ކޭން ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ 79 ވަނަ މިނެޓްގައި ސޮން ވަނީ ޓޮޓެންހަމަށް ނަތީޖާ އެއްވަރުކޮށްދީ އެޓީމަށް މި މެޗުން ޕޮއިންޓެއް ކަށަވަރުކޮށްދީފަ އެވެ.