Last Updated: July 26, 13:56
Sunday, July 26, 2026
މުނިފޫހިފިލުވުން

ޖިއާގެ މަރުގެ މައްސަލަ އިން ސޫރަޖް ސަލާމަތްވެއްޖެ

މީގެ 10 އަހަރު ކުރިން ބޮލީވުޑްގެ ބަތަލާ ޖިއާ ޚާން ދަންޖެހިގެން މަރުވި މައްސަލާގައި އެ މަރުގެ ތުހުމަތު ކުރެވުނު އެކްޓަރު ސޫރަޖް ޕަންޗޯލީ އިން އެ މައްސަލައިން މިއަދު ސަލާމަތްވެއްޖެ އެވެ.

މުމްބާއީ ކޯޓުން މިއަދު ވަނީ ޖިއާގެ މަރުގައި ސޫރަޖް އެއްވެސް އަތެއް ނެތް ކަމަށް ނިންމައި އޭނަ އަކީ މައުސޫމް މީހެއް ކަމަށް ހުކުމްކޮށްފަ އެވެ. ދިގު ދެމިގެން ދިޔަ މައްސަލަ މިއަދު ކޮޅެއްގައި ޖެހުމާ ގުޅިގެން ސޫރަޖް އިންސްޓަގްރާމް ޕޯސްޓެއްގައި ބުނީ ހައްގަށް އަބަދު ވެސް އިންސާފު ލިބޭނެ ކަމަށެވެ. އަަދި އޭނަގެ ކުށެއް ނެތްކަން ސާބިވުމާ ގުޅިގެން ޝުކުރު އަދާކުރާ ކަމަށް ބުންޏެވެ.

ސޫރަޖަކީ ފިލްމީ ތަރިން ކަމަށްވާ އަދިތިޔާ ޕަންޗޯލީ އާއި ޒަރީނާ ވައްހާބްގެ ދަރިއެކެވެ. އޭނަ ބޮލީވުޑަށް ނުކުތީ ޖިއާ މަރުވިތާ ދެ އަހަރު ފަހުން ސަލްމާން ޚާން ޕްރޮޑިއުސްކުރި 2015 ގެ "ހީރޯ" އިންނެވެ. އެ ފިލްމަކީ ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީ ވެސް ބޮލީވުޑަށް ނެރުނު ފިލްމެވެ.

ޖޫން 3، 2013 ގައި ޖިއާ ދަންޖެހިގެން މަރުވި އިރު، އޭނަ އާއި ސޫރަޖް އުޅުނީ ރައްޓެހިވެގެންނެވެ. ޖިއާގެ މަރާ ގުޅިގެން ޕޯސްޓްމޯޓަމް ހެދި އިރު، އޭނަ ބަލިވެއިންކަން ވެސް އެނގިފައިވެ އެވެ. ޖިއާގެ މަންމަ ރާބިއާ ޚާން ވަނީ ޖިއާ މަރާލީ ސޫރަޖް ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި ޖިއާ ބަލިވެއިނީ ވެސް ސޫރަޖް ދަރިއަކަށް ކަމަށް ބުނެފައިވެ އެވެ.

 

View this post on Instagram

 

A post shared by Jiah khan (@jiah_khan_page)

ސޫރަޖްގެ މައްޗަށް ކުރި ތުހުމަތުތަކާ ގުޅިގެން އޭނަގެ ފިލްމީ ކެރިއަރަށް ވަރަށް ބޮޑަށް އަސަރުކޮށް، ކުރިއަށް ދާން ހުރަސް އެޅުނެވެ.

ޖިއާ ބޮލީވުޑަށް ނުކުތީ އަމީތާބް ބައްޗަނާ އެކީ ކުޅުނު 2007 ގެ "ނިޝަބްދު" އިންނެވެ. އޭގެ ފަހުން އޭނަ ކުޅުނު ފިލްމުތަކުގެ ތެރޭގައި 2008 ގެ "ގަޖިނީ" އާއި 2010 ގެ "ހައުސްފުލް" ހިމެނެ އެވެ.