ދަރިން ނުލިބޭ މީހުންނަށް ދަރިން ހޯދަން މަގުފަހިކޮށް ދިނުމުގެ ގޮތުން ދަރިފަނި ހަދިޔާކުރަމުން އައި ނެދަލޭންޑްސްގެ މީހަކަށް އެކަން ކުރުން ހުއްޓާލަން ދަހޭގްގެ ކޯޓަކުން އަންގައިި އެވެ.
މީޑިއާތަކުން ބުނީ ޖޮނަތަން ކިޔާ 41 އަހަރުގެ މީހާ މިހާތަނަށް ދުނިޔޭގެ އެކި ހިސާބަތަކުގެ މީހުންނަށް 550 ފަހަރު ދަރިފަނި ހަދިޔާކޮށްއިވާ ކަމަށެވެ. އެކަން ހުއްޓާލަން އޭނަގެ މައްޗަށް ކޯޓުން އަމުރެއް ނެރެ ބުނެފައި ވަނީ ދެން ދަރިފަނި ހަދިޔާކޮށްފި ނަމަ 100،000 ޔޫރޯ (111,285 ޑޮލަރު) އަށް ވުރެ ބޮޑު އަަދަދަކުން ޖޫރިމަނާކުރާނެ ކަމަށެވެ.
ޖޮނަތަންގެ މައްޗަށް މިފަދަ އަމުރެއް އައީ ނެދަލޭންޑްސްގެ ފާޓިލިޓީ ކްލިނިކްތަކް އޭނަ ދަރިފަނި ހަދިޔާކުރުން 2017 ގައި މަނާކޮށްފައި ވަނިކޮށެވެ. އޭރު އޭނަ 100 ފަހަރަށް ދަރިފަނި ހަދިޔާކޮށްފައިވެ އެވެ. ނެދަލޭޑޭންސްގެ ކްލިނިކްތަކުގެ ގައިޑްލައިންތަކުގެ ދަށުން މީހަކަށް ދަރިފަނި ހަދިޔާކުރެވޭނީ 25 ފަހަރު އެވެ.

ނެދަލޭންޑްސްގެ ކްލިނިތަކަށް ދަރިފަނި ހަދިޔާކުރުން ހުއްޓުވި ފަހުން ޖޮނަތަން އެކަން ކުރަމުން އައީ ގައުމުން ބޭރުގެ މީހުންނަށް ހާއްސަކޮށްގެން އޮންލައިންކޮށެވެ.
ކޯޓުން ޖޮނަތަންގެ މައްޗަށް ނެރުނު އަމުރުގައި ވަނީ އޭނަ މިހާތަނަށް ދަރިފަނި ހަދިޔާކުރި ކްލިނިތަކުގެ ނަންތައް ވެސް ހިއްސާކުރަން އަންގައި އެ އެއްޗެހި ނައްތައިލާނެ ކަމަށް ބުނެފަ އެވެ. ޖޮނަތަން ދަރިފަނި ހަދިޔާކުރަން ފެށީ 2007 ގަ އެވެ.