Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

އެމްއެމްސީ އަށް 3 މެމްބަރަކު އިންތިހާބުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ތިން މެމްބަރަކު މިއަދު އިންތިހާބުކޮށްފި އެވެ.

އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު 10:00 އިން 11:00 އަށް ވެލާނާގެ ގްރައުންޑް ފްލޯގަ އެވެ.

މިއަދު އިންތިހާބުކުރީ މީޑިއާތައް ތަމްސީލު ކުރާނެ މެންބަރަކާއި އާންމުންގެ ތެރެއިން ދެ މެންބަރެކެވެ. މީޑިއާތައް ތަމްސީލު ކުރުމަށް އިންތިޚާބުގައި ވާދަކޮށް ކާމިޔާބުކުރީ ޚަބަރު އޮންލައިން އިން ވާދަކުރި އަލީ އާދަމްއެވެ. އޭނަ އަށް 64 ވޯޓު ލިބުނެވެ.

އާންމުންގެ ތެރެއިން އެމްއެމްސީ އަށް އިންތިޚާބުވީ 49 ވޯޓު ލިބިގެން ފ. ބިލެތްދޫ، ބަސީރީ ހިޔާ، ޖައިލަމް ތައުފީގާއި 43 ވޯޓު ލިބިގެން ފ. ދަރަނބޫދޫ، ރޯޝަނީގެ، އަލީ އިސްމާއީލެވެ.

މިއަދު ބޭއްވި އިންތިޚާބުގައި ވޯޓުލުމަށްޓަކައި 85 މީޑިއާއަކުން ރަޖީސްޓްރީކޮށް 72 މީޑިއާއަކުން ވޯޓްލި އެވެ.

އެމްއެމްސީގެ ބައި-އިލެކްޝަން މިއަދު ބޭއްވީ އެ ކައުންސިލްގެ ދެ މެމްބަރަކު މަގާމުން އިސްތިއުފާ ދިނުމާއި އެއް މެމްބަރެއްގެ ދައުރު ހަމަވެފައިވާތީ އެވެ.

އެމްއެމްސީގެ މެންބަރުންގެ ދައުރުގެ މުއްދަތަކީ ދެ އަހަރެވެ.