Last Updated: July 26, 13:56
Sunday, July 26, 2026
މުނިފޫހިފިލުވުން

އިތުރު ކޮރިއޯގްރާފަރަކު ޑައިރެކްޝަނަށް

ބޮލީވުޑްގެ އިތުރު ކޮރިއޯގްރާފަރަކު ފިލްމު ޑައިރެކްޝަނަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ ފިލްމުތަކަށް ނެށުންތައް ތައްޔާރުކޮށްދޭ މަޝްހޫރު މީސްމީހުންގެ ތެރެއިން މި ފަހަރު ޑައިރެކްޓަރުގެ ގޮނޑީގައި އިށީންނަން ތައްޔާރު ވަނީ އެތައް ފިލްމެއްގެ ލަވަތަކެއްގެ ނެށުން ތައްޔާރުކޮށް ދީފައިވާ ވައިބާވީ މާޗަންޓް، 47، ކަމަށެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އޭނަ ޑައިރެކްޝަނަށް ނުކުންނަނީ ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ކުންފުނި ކަމަށްވާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް ހަދާ ފިލްމަކުން ކަމަށެވެ.

ބައެއް މީޑިއާތަކުން ބުނީ މިއީ ކުޑަ ބަޖެޓަކުން ހަދަން ނިންމާފައިވާ ފިލްމެއް ކަމަށާއި އޭގެ ބަތަލާގެ ރޯލު ކުޅޭނީ ވައިއާރްއެފްގެ މިހާރުގެ ވެރިޔާ އަދިތިޔާ ޗޯޕްޅާގެ އަންހެނުން ރާނީ މުކަރްޖީ ކަމަށެވެ. ރާނީ އަކީ ވައިބާވީގެ ވަރަށް ގާތް އެކުވެރިއެކެވެ.

ވައިއާރްއެފްގެ ވަރަށް ގިނަ ފިލްމުތަކެއްގެ ލަވަތަކުގެ ނެށުން ވައިބާވީ ތައްޔާރުކޮށް ދީފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފަހުގެ ލަވަ އަކީ ޖެނުއަރީގައި ރިލީޒްކުރި ޝާހްރުކް ޚާނާއި ދީޕިކާ ޕަދްކޯންގެ "ޕަތާން" ގެ "ބޭޝަރަމް ރަންގު" އެވެ.

ވައިބާވީ ޑައިރެކްޝަނަށް ނުކުންނަން އުޅޭ ވާހަކަ މީޑިއާތަކުގައި ދެކެވެން ފެށި ނަމަވެސް މިކަން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. ވައިބާވީ އަކީ 1999 ގެ ފިލްމު "ހަމް ދިލް ދޭ ޗުކޭ ސަނަމް" ގެ ލަވަ "ޑޯލި ތާރޯ ދޯލު ބާޖޭ" ގެ ނެށުން ތައްޔާރުކޮށް ދީގެން ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ މީހެކެވެ.

ކޮރިއޯގްރާގްފާރުންގެ ތެރެއިން ޑައިރެކްޓަރުންގެ ގޮތުގައި ނުކުތް މީހުންގެ ތެރޭގައި ފަރާ ޚާނާއި ރެމޯ ޑި ސޫޒާގެ އިތުރުން ބޮސްކޯ މާޓިސް ހިމެނެ އެވެ.