ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަންނަ ހެޔޮ ބަދަލުތައް މިއަދު އިއުލާން ކުރަން ސަރުކާރުން ނިންމައިފި އެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަންނަ މޭ މަހުން ފެށިގެން ބޮޑުވާނެކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއުލާން ކުރެއްވީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ދިވެހި ފުލުހުންގެ 90 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަންނަ މޭ މަހުން ފެށިގެން ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި އެ ބަދަލުތަކުގެ އިތުރު ތަފްސީލުތައް ޕޭ ކޮމިޝަނުންނާއި ހެލްތް މިނިސްޓްރީން މިއަދު އިއުލާން ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި 493 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.
ސަރުކާރުން ވަނީ ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް، މިދިޔަ އަހަރުގެ ތެރޭގައި ހެޔޮ ބަދަލެއް ގެނެސްފަ އެވެ. އަދި މަތީ ތަޢުލީމު ދޭ ސަރުކާރުގެ މުއައްސަސާތަކުގެ ލެކްޗަރަރއިންގެ މުސާރައަށް ވެސް، މިދިޔަ މާރިޗު މަހުން ފެށިގެން ހެޔޮ ބަދަލެއް ވަނީ ގެނެސްފަ އެވެ.
މީގެއިތުރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން، ދިވެހި ފުލުހުންނާއި ދިވެހި ސިފައިންގެ މުސާރައަށް ވެސް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމިގެން ދާއިރު، ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.