މަޝްހޫރު ވީޑިއޯ ގޭމް "ސުޕަ މާރިއޯ" ވީޑިއޯ ގޭއަށް ބިނާކޮށް ހެދި ފިލްމު "ސުޕަ މާރިއޯ ބްރޮސް މޫވީ" އަށް ބޮކްސް އޮފީހުގައި ބިލިއަނަކަށް ވުރެ ބޮޑު އާމްދަނީއެއް ލިބިއްޖެ އެވެ.
މި މަހުގެ 5 ގައި ރިލީޒްކުރި ފިލްމު ދުނިޔޭގެ އެކި ހިސާބުތަކުގައި ދައްކައިގެން މިހާތަނަށް ލިބުނު އާމްދަނީ 1.02 ބިލިއަނަށް އަރާފައިވާ އިރު، ފިލްމު ހަދާފައި ވަނީ 100 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ. "ސުޕަ މާރިއޯ" ވެފައި ވަނީ ބިލިއަން ޑޮލަރުގެ އާމްދަނީއެއް މި އަހަރު ހޯދި ފުރަތަމަ ފިލްމަށެވެ.
މީގެ އިތުރުން މި ފިލްމަކީ 2020 ގައި ކުރިމަތިލާން ޖެހުނު ކޮވިޑް ވަބާގެ ފަހުން ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހުރަސްކުރި ފަސް ވަނަ ފިލްމެވެ. އެ ލިސްޓްގައި ދެން ހިމެނެނީ ސްޕައިޑަ-މޭން ނޯ ވޭ ހޯމް (1.922 ބިލިއަން ޑޮލރު)، ޓޮޕް ގަން: މެވެރިކް (1.493 ބިލިއަން ޑޮލަރު)، ޖުރަސިކް ވޯލްޑް ޑޮމިނަން (1.004 ބިލިއަން ޑޮލަރު) އަދި އެވަޓާ: ދަ ވޭ އޮފް ވޯޓާ (2.313 ބިލިއަން ޑޮލަރު) އެވެ.
އާރޮން ހޯވަތު ޑައިރެކްޓްކުރި "ސުޕަ މާރިއޯ ބްރޮސް މޫވީ" އަށް އަޑު އަޅައި ދީފައިވާ ފަންނާނުންގެ ތެރޭގައި ކްރިސް ޕްރެޓް، ޗާލީ ޑޭ، ޖެކް ބްލެކް، ސެތު ރޯޖެން، ކީގަން-މައިކަލް ކީ، ފްރެޑް އާމިޒެން އަދި އެނިއާ ޓޭލާ-ޖޯއި ހިމެނެ އެވެ.