ޖަލުތަކުގައި ތިބޭ ގައިދީންނަށް މިހާރު އަނިޔާއެއް ނުލިބޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ހިދުމަތަށް 90 ވަނަ އަހަރު ފުރުމާ ގުޅިގެން ރޭ ހުޅުމާލޭގެ ސިންތެޓިކް ޓްރެކްގައި ބޭއްވި ޖަލްސާގައި މިނިސްޓަރު
ވިދާޅުވީ ފުލުހުންނާ މެދު ރައްޔިތުންގެ ގިނަ ޝަކުވާތަކެއް އަދިވެސް އެބަހުރި ކަމަށާއި އިތުރަށް ކުރާ އުންމީދުތަކެއް ވެސް އެބަހުރި ކަމަށެވެ.
އެގޮތުން ބައެއް އޮފިސަރުންގެ ފަރާރުން ރައްޔިތުންނަށް ބައެއް ފަހަރު އަނިޔާތަކާއި ގެއްލުންތައް ލިބޭކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ، ފުލުހެއްގެ ކިބައިން އެއްވެސް ރައްޔިތަކަށް އަނިޔާއެއް ލިބުމަކީ އެއްވެސް ހައިސިއްޔަތަކުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"މިއަދު ކުރިއާ ހިލާފަށް ޖަލުތަކުގައި ބަންދުކުރެވޭ މީހުންނަށް ވަރަށް މަދު ފަހަރަކު ނޫނީ އަނިޔާއެއް ލިބޭ ހަބަރު އަޅުގަނޑުމެންނަކަށް ނުލިބޭ،" އިމްރާން ވިދާޅުވި އެވެ. "އެފަދަ މައުލޫމާތެއް ލިބިއްޖެ ނަމަ، އަޅުގަނޑު ކޮމިޝަނަ އާއި ކޮމިޝަނަރުގެ ޓީމާ އެކު އަޅަން ޖެހޭ ފިޔަވަޅު އަޅަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ގެންދާނީ ވެސް އެހެން."
މިނިސްޓަރު ވިދާޅުވީ ފުލުހެއްގެ ފަރާތުން ރައްޔިތަކަށް އަނިޔާއެއް ނުލިބޭކަން ކަށަވަރުކުރުމަށް ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށެވެ. އަދި އެކަމުގެ ހެޔޮ ނަތީޖާ މިހާރު ފެންނަ ކަމަށާއި ޖަލުތަކުގައި އަނިޔާކުރާ ހަބަރުތައް މިހާރު މަދު ފަހަރަކު ނޫނީ ނުލިބޭ ކަމަށް ވެސް ވިދާޅުވި އެވެ.
އިމްރާން ވިދާޅުވި ގޮތުގައި ނުރައްކާތެރި ހާލަތަކާ ކުރިމަތިލާ އިރު، ކުށްކުރާ މީހާއަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ނުދީ، އޭނާގެ އިންސާނީ ކަރާމާތާއި އިއްޒަތަށް އަސަރުނުކުރާ ގޮތަށް ގާނޫނު ތަންފީޒުކުރުމަކީ ފުލުހުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރާތްކުރައްވައި އަތޮޅުތެރޭގައި ގާއިމުވެގެން ތިބޭ ފުލުހުންނާ ބައްދަލުކުރައްވާފައިވާކަމަށެވެ. އެގޮތުން ފުލުހުންގެ ދިރިއުޅުމާއި މަސައްކަތުގެ މާހައުލުގައި ނިދަން ޖެހޭ ތަނަށް ބަލައިލުމުން އަސަރުން ފުރޭ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށް މިއަދު ބުނެވިދާނެ ޖަލުގެ ހާލަތު ރަނގަޅުކޮށް ތިބޭ ގައިދީންނަށް ވުރެ އަތޮޅުތެރޭގައި ތިބޭ ފުލުހުން ނިދައި ކައިބޮއި ހަދަން ޖެހޭ ތަނުގެ ހާލު ބޮޑު،" އިމްރާން ވިދާޅުވި އެވެ. "އެހެން ނަމަވެސް، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ކޮންމެ ދުވަހަކު އެ ކުރާ މަސައްކަތަކީ އަޅުގަނޑުމެން ބަލައިގަންނަން ޖެހޭ ކަމެއް."