Last Updated: July 26, 13:56
Sunday, July 26, 2026
މުނިފޫހިފިލުވުން

އައިޝްވާރިއާ އަށް ފިރިމީހާގެ ހުއްދައެއް ބޭނުމެއް ނުވާނެ

އެއްވެސް ކަމެއް ކުރާކަށް ބަތަލާ އައިޝްވާރިއާ ރާއީ އަށް ފިރިމީހާގެ ހުއްދައެއް ބޭނުން ނުވާނެ ކަމަށް އޭނަގެ ފިރިމީހާ އަބީޝެކް ބައްޗަން ބުނެފި އެވެ.

އޭނަ މިހެން ބުނީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި އައިޝްވާރިއާގެ އެންމެ ފަހުގެ ފިލްމު "ޕޮނިޔިން ސެލްވަން (ޕީއެސް) 2" ބަލާފައި އެ ފިލްމަށް ތައުރީފުކޮށް އަދި އެއީ އަންހެނުންގެ އެންމެ މޮޅު ފިލްމު ކަމަށް ބުނެ ކުރި ޓްވީޓަކާ ގުޅިގެން މީހަކު ބުނި އެއްޗަކާ ގުޅިގެންނެވެ.

އެގޮތުން އަންޕެއިންޑް ޕީއެސް2 މާކެޓިން މެނޭޖަރުގެ ނަމުގައި ހަދާފައިވާ ޓްވީޓަކުން ބުނީ އެހެން ވިއްޔާ އައިޝްވާރިއާ ގިނަ ފިލްމުތަކަށް ސޮއިކުރަން ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އަދި އަބީޝެކް ދަރިފުޅު ބަލަން އެދިފައިވެ އެވެ. އޭގެ ރައްދުގައި އަބީޝެކް ބުނީ އެއްވެސް ކަމެއް ކުރަން އައިޝްވާރިއާ އަށް އޭނަގެ ހުއްދައެއް ބޭނުން ނުވާ ކަމަށެވެ.

"ހާއްސަކޮށް އޭނަ ލޯބިކުރާ ކޮންމެ ކަމެއް ކުރެވޭނެ." އަބީޝެކް ބުންޏެވެ.

އައިޝްވާރިއާ ފަހަކަށް އައިސް ފިލްމުތަކުން ފެންނަލެއް މަދުކަމުން ފޭނުން ވަރަށް ގިނައިން ޝަކުވާކުރެ އެވެ. ކުރީގެ ކާމިޔާބު ފިލްމުތެއް ކުޅެފައިވާ ބަތަލާގެ އެންމެ ފަހުގެ ބޮލީވުޑްގެ ފިލްމަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ. "ޕީއެސް 1" އާއި "ޕީއެސް 2" އަކީ އެ ފިލްމުގެ ފަހުން އައިޝްވާރިއާ ކުޅުނު ފިލްމެވެ. މި ތަމަޅަ ފިލްމުގެ ފުރަތަަމަ ބައި ރިލީޒްކުރީ މިދިޔަ އަހަރު އެވެ.

އައިޝްވާރިއާގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކަކީ 1999 ގެ "ހަމް ދިލް ދޭ ޗުކޭ ސަނަމް" އާއި އެ އަހަރުގެ "ތާލް" ގެ އިތުރުން 2002 ގެ "ދޭވްދާސް" ގެ އިތުރުން 2006 ގެ "ދޫމް 2" އެވެ.

އައިޝްވާރިއާ އާއި އަބީޝެކް ކައިވެނިކުރީ 2007 ގަ އެވެ. އެ މީހުންގެ ދަރިފުޅު އާރަދިއާ ބައްޗަނަށް މިހާރު 11 އަހަރު އެވެ.