Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

އިޓޮލްސްގެ ނިންމުމަކީ މަސްވެރިންނަށް ހިތްވަރެއް

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލައިގައި ރާއްޖެ އަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުމަކީ އައްޑޫގެ މަސްވެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް ކައުންސިލުން ބުނެފި އެވެ.

އެކަމާ ގުޅިގެން ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އެންމެ ދެކުނުގެ ކަނޑުގެ ސަރަޙައްދު ކަނޑައަޅައި، އެ ސަރަޙައްދުގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާނެ ގޮތް ވެގެން ދިއުމަކީ އައްޑޫ ސިޓީ ކައުންސިލުން އުފަލާއެކީ އެކަން ފާހަގަކޮށް މަރުޙަބާ ކިޔާ ކަމެއް ކަމަށެވެ.

ކައުންސިލުން ބުނި ގޮތުގައި ރާއްޖޭގެ އެންމެ ދެކުނުގެ ހާއްސަ އިގުތިސާދީ ސަހަޙައްދު ކަނޑައެޅިގެން ދިއުމަކީ ދުރަށް ދަތުރުކޮށް، މާކަނޑުގައި މަސްވެރިކަންކުރާ އައްޑޫ މަސްވެރިނަށް ލިބިގެން ދިޔަ ހިތްވަރެކެވެ.

"މީގެ ކުރިން މި ސަރަޙައްދަކީ ރާއްޖޭގެ ސިޔާދަތީ ބާރު ނުހިނގާ ސަރަޙައްދަކަށްވެފައި، އެހެން ޤައުމުތަކުގެ މަސްވެރި އުޅަނދުތަކުން، ރާއްޖޭގެ މަސްވެރިން ގެންގުޅޭފަދަ ދެމެހެއްޓެނިވި ސިޔާސަތުތަކުގެ ބޭރުން މަސްވެރިކަންކޮށް، މަންފާ ނަގަމުން ދިޔަ ސަރަޙައްދެއް،" ބަޔާނުގައި ބުންޏެވެ. "އެހެންކަމުން، އިޓްލޮސްއިން ނިންމެވި ނިންމުމާއެކު ބައިނަލްއަޤުވާމީ ޤާނުނުތަކާއި ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން، މިފަދަ މަސްވެރިންނަށް ފިޔަވަޅު އެޅުމުގެ ބާރު ދިވެހި ސަރުކާރަށް ލިބި، ދިވެހި މަސްވެރިންގެ އިޤްތިޞާދީ ޙައްޤުތަށް ކަށަވަރުވެއްޖެކަން ނުހަނު އުފަލާއެކު ފާހަގަކުރަން."

ކައުންސިލުން ބުނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައި ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ބިނާކުރަނިވި ގޮތަކަށް، ޒިންމާދާރުކަމާއެކު ބައިނަލްއަޤްވާމީ ގާނޫނުގެ ބާރު ދެމެހެއްޓުމުގެ މައްޗަށް ކަމަށެވެ. އެހެންވެ އިޓްލޮސް އިން ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ކަނޑައަޅައި ނިންމި ނިންމުމަކީ، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ ނިޒާމަށް، ރާއްޖޭގެ އިސް ޑިޕްލޮމެޓް، ރައީސް އިބްރާހީމް މުހއްމަދު ސޯލިހުގެ ސަރުކާރުން އިޙުތިރާމު ކުރައްވާކަން ފެނިގެން ދިޔަ ކަމެއް ކަމަށް ވެސް ބުންޏެވެ.

"އެހެންކަމުން، މި ނިންމުމުގެ ސަބަބުން ދިވެހިރާއްޖޭގެ ދެކުނުން ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގެ އައުޓަރ ލިމިޓް ކަނޑައެޅި، މި ސަރަޙައްދުގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު ކަށަވަރުވެ، ދިވެހި މަސްވެރިންނަށް އިތުރު ހިމާޔަތެއް ލިބުމަކީ އައްޑޫ ސިޓީ ކައުންސިލުން ނުހަނު އުފަލާއެކު މަރުޙަބާކިޔަން" ބަޔާނުގައި ބުންޏެވެ.

މޮރިޝަސް އާއި ރާއްޖެ އިން ހިޔާލު ތަފާތުވި ބައި އިޓްލޮސް އިން ބެހި ގޮތުން ރާއްޖެ އަށް ޖުމްލަ 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ލިބެ އެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ.