އުމުރުން މިހާރު 57 އަހަރު ނަމަވެސް އަދިވެސް ކައިވެނީގެ ފުރުސަތު އެބައޮތް ކަމަށް ބޮލީވުޑްގެ ތަރި ސަލްމާން ޚާން ބުނެފި އެވެ.
އިންޑިއާ ޓީވީގެ މަޝްހޫރު ޝޯ "އާޕް ކީ އަދާލަތު" ގެ ރޭގެ އެޕިސޯޑްގައި މެހުމާނެއްގެ ގޮތުގައި ބައިވެރި ސަލްމާން ވަނީ އަމިއްލަ ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން ކުރި ވަރަށް ގިނަ ސުވާލުތަކަށް ޖަވާބު ދީފަ އެވެ. އެކަމަކު ޖަވާބުތައް ދިނީ ސަމާސާކުރަމުންނެވެ.
އޭނަ ބުނި ގޮތުގައި މިހާތަނަށް ރައްޓެވި ހުރިހާ އަންހެނުން ވެސް ވަރަށް ރަނގަޅެވެ. އެކަމަކު އެއިން އެއްވެސް މީހަކާ އެކީ ކައިވެންޏާ ހަމައަށް ނުދެވުނީ އޭނަގެ ސަބަބުން ކަމަށް ބުންޏެވެ.
"އެއިން އެއްވެސް މީހެއްގެ އެއްވެސް މައްސަލައެއް ނެތް. މައްސަލަ އަކީ އަހަރެން. ހަގީގަތުގައި ލޯބީގެ އަހަންނަކީ ނާކާމިޔާބު މީހެއް. އަހަރެންގެ ލޯބީގެ ވާހަކަތައް އަހަންނާ އެކީ ކަށްވަޅަށް ދާނީ." ސަލްމާން ބުންޏެވެ.
އޭނަ ބުނި ގޮތުގައި އެކި ފަހަރު މަތިން ކައިވެނީގެ ވާހަކަތައް ދެކެވިފައިވެ އެވެ. އަދި ވަރަށް ގާތް ގިނަ ބަޔަކު ވެސް ކައިވެނިކުރަން ލަފާދެމުން ދިޔަ ކަމަށް ބުންޏެވެ.
"އެކަމަކު ކައިވެންޏަކާ ހަމައަށް ދެވޭނީ ދެ މީހުންގެ ވެސް ރުހުން އޮވެގެންތާ. އަހަރެން އެއްބަސްވާ ފަހަރު އެކޮޅުން ބުނާނެ ނޫނެކޭ. ދެން އެކޮޅުން އެއްބަސްވާ ފަހަރު އަހަރެން ބުނަން ޖެހިދާނެ ނޫނެކޭ،" ސަލްމާން ބުންޏެވެ. "އެހެންވީމަ ކައިވެނި ކުރެވޭނީ ދެ މީހުންނަށް ވެސް އެއްބަސްވެވޭ ހާލަތަކަށް ދެވިގެންތާ."
އޭނަ ބުނީ އުމުރުން ދުވަސް ވިޔަސް ކައިވެނީގެ ފުރުސަތު އަދިވެސް ނުގެއްލޭ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެކަމަކު ދެން އޮތީ ފަހު ފަހަރު ކަމަށް ބުންޏެވެ.
ސަލްމާން ރައްޓެހިވި މީހުންގެ ތެރޭގައި އައިޝްވާރި ރާއީ ރާއީ އާއި ކެޓްރީނާ ކެއިފްގެ އިތުރުން ކުރީގެ ބަަތަލާއިން ކަމަށްވާ ސަންގީތާ ބިޖްލާނީ އާއި ސޯމީ އަލީ ހިމެނެ އެވެ. ސަލްމާން އެންމެ ފަހުން ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވީ ކެޓްރީނާއާ އެވެ.
އައިޝްވާރިއާ އެކްޓަރު އަބީޝެކް ބައްޗަނާ ކައިވެނިކޮށްގެން 11 އަހަރުގެ ދަރިއަކު ހުރި އިރު، ކެޓްރީނާ އެކްޓަރު ވިކީ ކޯޝަލާ ކައިވެނިކުރީ މިދިޔަ އަހަރު އެވެ. ސޯމީ އަކީ އަލަތު ކައިވެނި ރޫޅިފައިވާ މީހެކެވެ. ސޯމީ މިހާތަނަށް ކައިވެންޏެއް ނުކުރެ އެވެ.
ސަލްމާން ބުނި ގޮތުގައި ކައިވެނި ނުކުރި ނަމަވެސް އޭނަ ދަރިންތަކެއް ހޯދަން ކުރިން ޕްލޭންކުރި އެވެ. އެކަމަކު އެކަން ކުރަން އުޅުނު ދުވަސްވަރު އިންޑިއާގެ ގާނޫނުތައް ހުރި ގޮތުން އެކަން ނުވީ ކަމަށް ބުންޏެވެ.