އެސްޓީއޯއިން ޙަރަދު ކެނޑުމަށް ފަހު މިއަހަރުގެ ފުރަތަމަ ކުއާޓާގެ ސާފު ފައިދާގެ ގޮތުގައި 368 މިލިއަން ރުފިޔާ ލިބިފައިވާ ކަން ހާމަކޮށްފިއެވެ.
އެކުންފުނީގެ ފުރަތަމަ ކުއާޓާގެ ރިޕޯޓް ދައްކާގޮތުން، އެކުންފުންޏަށް މިކުއާޓާގައި ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 4.4 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރު ފުރަތަމަ ކުއާޓާއާއި އަޅާބަލާއިރު ގާތްގަނޑަކަށް 400 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ކުންފުނީގެ ޖުމްލަ އާމްދަނީ އިތުރުކުރެވުމާއިއެކު ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 809 މިލިއަން ރުފިޔާ ލިބިފައެވެ. މިއާއެކު ކުންފުނީގެ ހިންގުމުގެ ފައިދާގެ ގޮތުގައި މިކުއާޓާގައި 503 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރު ފުރަތަމަ ކުއާޓާގައި ލިބިފައިވަނީ 209 މިލިއަން ރުފިޔާއެވެ.
އަދި އެކުންފުނީގެ ސާފު ފައިދާވެސް މިދިޔަ އަހަރު ފުރަތަމަ ކުއާޓާއާއި އަޅާ ބަލާއިރު ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި 150 މިލިއަން ސާފު ފައިދާ ގޮތުގައި ލިބިފައިވާއިރު މިއަހަރުގެ ފުރަތަމަ ކުއާޓާ ނިންމާލީ 368 މިިލިއަން ރުފިޔާގެ ސާފު ފައިދާއަކާއި އެކުއެވެ. މިއީ 145 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 269 މިލިއަން ލިބި އަހަރު އެއްކޮށް 742 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ވަނީ ޖެހިފައެވެ.
އެސްޓީއޯއިން ވަނީ މި ކުއާޓާގެ ފައިދާ ރަނގަޅު ވެފައިވަނީ ކުންފުނީގެ ވިޔަފާރިއަށް ހެޔޮ ބަދަލެއް އައިސްފައި ވުމާއިއެކު، ހިންގުމުގެ ޙަރަދު މިދިޔަ ކުއާޓާއަށް ވުރެ ކުޑަ ކުރެވިފައި ވުމުން ކަމަށް ފާހަގަކޮށްފައެވެ. އަދި މީގެ އިތުރުން މިދިޔަ އަހަރު ފަހު ކުއާޓާގައި ޖުމްލަ 4.5 ބިލިއަންގެ އާމްދަނީ ލިބި މިކުއާޓާގައި 4.4 ބިލިއަނަށް ދައްވީ ތެލުގެ އަގަށް އަންނަމުންދާ ބަދަލާއިއެކު ތެލުގެ ވިޔަފާރީގެ ސަބަބުން ކަމަށް އެސްޓީއޯއިން ވަނީ ހާމަކޮށްފައެވެ.
މިކުއާޓާގައި އެކުންފުނިން ވަނީ އެކުންފުނީގެ ހިއްސާ މުޢަމަލާތްތަކަށްވެސް މިދިޔަ ކުއާޓާގައި އަލިއަޅުވާލާފައެވެ. އެގޮތުން ފާއިތުވި ކުއާޓަރގައި އެސްޓީއޯގެ ހިއްސާ ވަނީ އެންމެ މަތިން 1450ރ. އަދި އެންމެ ދަށުން 1200ރ. ގައި ޓްރޭޑްކުރެވިފައެވެ. ފާއިތުވި ކުއާޓަރގައި ޖުމްލަ 56 ހިއްސާ މުއާމަލާތުކުރެވިފައިވާއިރު އެސްޓީއޯގެ މާކެޓް ކެޕިޓަލައިޒޭޝަން އުޅެނީ 1735 މިލިއަން ރުފިޔާގައެވެ. އަދި ކުންފުނީގެ ހިއްސާއަކަށް ޖެހުނު ފައިދާ ހުރީ 327ރ. ގައެވެ.