މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން މެނިފެސްޓޯއަށް އެކުލަވާލަން ބޭނުންވާ މައުލޫމާތު އެއްކުރަން ރާއްޖޭގެ 87 އިދާރީ ދާއިރާ އަށް ޕާޓީގެ ޓީމުތައް ފޮނުވަން ނިންމައިފި އެވެ.
އެ ޕާޓީން ބުނީ ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެ ދަތުރަށް ފެށުމަށް ޓީމުތައް އެކުލަވާލަމުން އަންނަ ކަމަށެވެ. އެމްޑީޕީން ބުނީ ޓީމްތައް ފޮނުވުމަށް ހަމަޖެހިފައި ވަނީ އެއްފަހަރާ ކަމަށާއި އަންނަ މަހުގެ 11 ގައި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ދަތުރުތަކުގައި ގޭގެއަށް ޒިޔާރަތްކޮށް، ވަކިވަކި ބައްދަލުވުންތައް ވެސް ބާއްވާނެ އެެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އިންތިހާބަށް އެމްޑީޕީއާ އެކު ކޯލިޝަން ހަދަން މިހާތަނަށް ނިންމީ މިހާރު ވެސް ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިތުރުން އަލަށް ކޯލިޝަން ހަދަން ނިންމި އެމްޑީއޭ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ.