Last Updated: July 20, 13:42
Sunday, July 20, 2025
ޚަބަރު

ސިއްހީ ދާއިރާގެ 3،710 މުވައްޒަފަކަށް މުސާރައިގެ ކުރިއެރުން

ކޮވިޑް ޓެސްޓްަ ކުރުމަށް ސާމަޕް ނަގަނީ

ސިއްހީ ދާއިރާގެ މުސާރަތައް ބޮޑުކުރުމާ ގުޅިގެން އެ ދާއިރާގެ 3،710 މުވައްޒަފަކަށް މުސާރައިގެ ކުރިއެރުން ލިބޭނެ ކަމަށް ޕޭ ކޮމިޝަނުން ބުނެފި އެވެ.

ސިއްހީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ މާދަމާއިން ފެށިގެން ބޮޑުކުރަން ނިންމާފައިވާއިރު މުސާރައިގެ ކުރިއެރުން ލިބެނީ ރީޖަނަލް ހޮސްޕިޓަލް 520 މުވައްޒަފުން، އަތޮޅު ހޮސްޕިޓަލްގެ 471 މުވައްޒަފުން، ހެލްތު ސެންޓަރުތަކުގެ 965 މުވައްޒަފުން، އައިޖީއެމްއެޗްގެ 1004 މުވައްޒަފުން، ހުޅުމާލެ ހޮސްޕިޓަލް 298 މުވައްޒަފުން އަދި އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރާ 452 މުވައްޒަފުންނަށެވެ.

އެހެނިހެން ދާއިރާތަކުގެ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ހޯމް މިނިސްޓްރީގެ ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓާއި ޖެންޑަރ މިނިސްޓްރީ އަދި ސްކޫލްތަކުގައި ސިއްހީ ކަންކަމާއި ގުޅޭގޮތުން މަސައްކަތްކުރާ މުވައްޒަފުން ހިމެނެ އެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް ވިދާޅުވީ ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރީ މައިގަނޑު ފަސް ދާއިރާއަކަށް ބެލުމަށްފަހު ކަމަށެވެ. އޭގެތެރޭގައި އެލައިޑް ހެލްތުގެ ފަންނުތަކުގެ މުސާރަތަކަށް އެކަށީގެންވާ ރަނގަޅު ކުރިއެރުމެއް ގެނައުމާއި ހުރިހާ ފަންނުތަކުގެ މުވައްޒަފުންވެސް އެންމެ ދަށްވެގެން "ފުރަތަމަ ޑިގްރީ" ހާސިލްކުރުމަށް ބާރު އެޅުމާއި މީގެ އިތުރަށް ޞިއްޙީ ދާއިރާގެ ފަންނުތަކުގެ ތެރެއިން ދިވެހިން ބިނާކުރުމަށް މިހާތަނަށް ދަތިކަމަށް ފާހަގަކުރެވިފައިވާ ފަންނުތަކަށް ދިވެހިން ކުރިމަތިލުމަށް ހިތްވަރު ދިނުން ހިމެނެ އެވެ.

މީގެއިތުރުން ކެންސަރުގެ ފަރުވާ ދިނުމުގެ ފަންނުގެ ތެރޭގައި ހިމެނޭ ދާއިރާތަކަށް ސްޕެޝަލައިޒްވެފައިވާ ފަންނުވެރިން ކުރިމަތިލުމަށް ހިތްވަރު ދިނުމާއި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ހޮސްޕިޓަލްތަކަށް ފަންނުވެރިން ހޯދުމަށް ދަތިވާކަމަށް މައްސަލައަށް ހައްލު ހޯދުމަށް އިސްކަންދެއްވި ކަމަށް ފައިޒަލް ވިދާޅުވި އެވެ.

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ މާދަމާ އިން ފެށިގެން ބޮޑުވާއިރު މުސާރަ ބޮޑުކޮށްފައިވަނީ ހަމައެކަނި ދިވެހި މުވައްޒަފުންނަށެވެ.