Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

އެމްޕީއެލްގެ ފްލެޓްތައް އަންނަ މަހަށް ނިމޭނެ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދަން ފަށާފއިވާ ފްލެޓުތަކުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި އެއްކޮށް ނިންމައިލެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޕީއެލުން ބުނީ ފްލެޓުތަކުގެ ބޮޑެތި މަސައްކަތްތައް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ، ފެނާއި ކަރަންޓާއި ލިފްޓުގެ މަސައްކަތްތައް ކަމަށެވެ. އެގޮތުން ފްލެޓްތަކުގެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ އަންނަ މަހުގެ ނިލަޔަށް ކަމަށް އެމްޕީއެލް އިން ބުންޏެވެ. އަދި ވީ އެންމެ އަވަހަކަށް މުވައްޒަފުންނަށް، ފްލެޓުތަކަށް ވަދެވޭވަރު ވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެމްޕީއެލްގެ ފްލެޓްތައް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޑަބްލިއު އެންޑް އޭ އޯވަސީސްއާ އެވެ. އެ މަޝްރޫއުގެ ދަށުން 15 ބުރީގެ ތިން ޓަވަރު އަޅާފައިވާ އިރު އެ ޓަވަރުތަކުގައި 534 އެޕާޓްމަންޓް ހުރެ އެވެ. އޭގެ ތެރޭގައި އެއް ކޮޓަރީގެ 204 އެޕާޓްމެންޓާއި ދެ ކޮޓަރިއާއި މެއިޑް ރޫމެއް ހިމެނޭ ގޮތަށް 330 އެޕާޓްމަންޓް ހިމެނެ އެވެ.

މި ފްލެޓުތަކަކީ އެމްޕީއެލްގެ މުވައްޒަފުންނަށް ވިއްކާ ފްލެޓުތަކެވެ. އަދި މިއީ އެ ކުންފުނިން 566.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.