Last Updated: June 20, 09:55
Saturday, June 20, 2026
ޚަބަރު

މެޑިކަލް އިންޓާނުންނަށް ދުވާލަކަށް 400ރ.

މެޑިކަލް އަދި ޑެންޓަލް އިންޓަންޝިޕް ފުރިހަމަކުރާ މީހުން މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 400ރ. ގެ އެލަވެންސެއް ދޭން ނިންމައި އެކަން އިއުލާނުކޮށްފި އެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ސަރުކާރުން ބަދަލާ އެކު މެޑިކަލް އަދި ޑެންޓަލް އިންޓާންޝިޕް ފުރިހަމަކުރާ މީހުންނަށް އިންޓާން އެލަވެންސް ދޭން ނިންމިކަން ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ހާމަކުރެއްވި އެވެ.

ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންޓާން އެލަވެންސްގެ ތަފްސީލު ދެއްވަމުން ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިސަލް ވިދާޅުވީ އިންޓާންޝިޕް ފުރިހަމަކުރާ މީހުންގެ ތެރެއިން ހިދުމަތް ކުރުމަށް އެގްރިމެންޓްކުރާ ފަރާތްތަކުން އިންޓާންޝިޕް ފުރިހަމަ ކުރުމަށް ނިކުންނަ ކޮންމެ ދުވަހަކަށް 400ރ.ގެ އެލަވެންސް ދޭނެ ކަމަށެވެ.

އަދި ސައިކޮލޮޖީ ލައިސަންސާއި ކައުންސެލިން ލައިސަންސް ފުރިހަމަކުރުމަށް ޕްރޮފެޝަނަލް ތަމްރީން ފުރިހަމަކުރާ މީހުންގެ ތެރެއިން ދާއިމީ ވަޒީފާއެއް ހަމަޖެހިފައި ނުވާ ކޮންމެ މީހަކަށް، ހިދުމަތް ކުރުމަށް އެގްރިމެންޓު ކުރުމަށް ތަމްރީނު ފުރިހަމަކުރުމަށް މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް ވެސް 400ރ ލިބޭނެ އެވެ.

ސިއްހީ ދާއިރާގެ މުސާރަ ބޮޑުކޮށް، ތަފާތު އެލަވަންސްތަކެއް ވެސް ދޭން ނިންމީ މި މަހުން ފެށިގެންނެވެ.