Last Updated: July 26, 13:11
Sunday, July 26, 2026
މުނިފޫހިފިލުވުން

ޖާންވީ އާއި ރާޖްގެ ފިލްމުގެ ޝޫޓިން ނިންމާލައިފި

ޖާންވީ ކަޕޫރާއި ރާޖްކުމާރު ރާއޯ ލީޑް ރޯލު ކުޅޭ ފިލްމު "މިސްޓަ އެންޑް މިސިޒް މާހީ" ގެ ޝޫޓިން ނިންމާލއިފި އެވެ.

މި ވާހަކަ އެ ތަރިންގެ އިންސްޓަގްރާމް ސްޓޯރީގައި ވެސް ހިއްސާކޮށްފައިވާ އިރު، އެ ފިލްމު ޕްރޮޑިއުސްކުރާ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ވެސް އިއްޔެ ވަނީ ފިލްމުގެ ޝޫޓިން ނިންމާލިކަން ސޯޝަލް މީޑިއާގައި އިއުލާންކޮށްފަ އެވެ.

ޖާންވީ އާއި ރާޖް ވެސް ކްރިކެޓް ކުޅުންތެރިންތަކެއްގެ ގޮތުގައި ފެންނާނެ "މިސްޓަ އެންޑް މިސިޒް މާހީ" އަކީ ޖާންވީގެ 2020 ގެ ފިލްމު "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" ގެ ޑައިރެކްޓަރު ޝަރަން ޝަރުމާގެ ފިލްމެކެވެ. އަދި މިއީ އޭނަގެ ދެވަނަ ޑައިރެކްޝަނެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "މިސްޓަ އެންޑް މިސިޒް މާހީ" އަކީ ޖާންވީ އާއި ރާޖް އެކީގައި ކުޅުނު ދެވަނަ ފިލްމެވެ. ދެ ތަރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ މާ ބޮޑު ތަރުހީބެއް ނުލިބުނު 2021 ގެ ހޮރޯ-ކޮމެޑީ "ރޫހީ" އެވެ. އަދި "މިސްޓަ އެންޑް މިސިޒް މާހީ" އަކީ މިދިޔަ ހަފުތާގައި ބޭއްވި 68 ވަނަ ފިލްމުފެއާ އެވޯޑްސްގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހޯދި ރާޖް، ދަރުމާ އަށް ކުޅޭ ފުރަތަަމަ ފިލްމެވެ.

މި ފިލްމު 2021 ގައި އިއުލާންކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ގައި ސިނަމާތަކަށް ގެންނަ ގޮތަށެވެ. އެކަމަކު ފިލްމުގެ މަސައްކަތް ލަސްވުމުން މި އަހަރަށް ފަސްކުރީ އެވެ. އެކަމަކު އަދި ރިލީޒްކުރާނެ ވަކި ތާރީހެއް ހާމައެއް ނުކުރެ އެވެ.

"މިސްޓަ އެންޑް މިސިޒް މާހީ" ގެ ކާސްޓްގައި ޒަރީނާ ވައްހާބް، ރާޖޭޝް ޝަރުމާ، އަބީޝެކް ބެނަޖީ އަދި ކުމުދު މިޝްރާ ހިމެނެ އެވެ.