Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

މަސައްކަތްތެރިންގެ ހައްޤުގައި އެންމެ މުހިންމު ކަމަކީ މުސާރަ ބޮޑުކުރުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: ރައީސް އޮފީސް

މަސައްކަތްތެރިންގެ ހައްޤުގައި މިއަދު ސަރުކާރުން ކުރާ އެންމެ މުހިންމު ކަމަކީ މުސާރައަށް ހެޔޮ ބަދަލެއް ގެނައުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ މަސައްކަތްތެރިންގެ ދުވަހުގައި ދެއްވި ޚިތާބުގައި ރައީސް ސޯލިހް ވިދާޅުވީ މުޅި ދުނިޔޭގެ ފެންވަރުގައި މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، މުޖުތަމައުގެ ކުރިއެރުމާއި ޤައުމުތަކުގެ ތަރައްޤީގައި މަސައްކަތްތެރިން އަދާކުރާ މުހިންމު ދައުރުގެ އަގު ވަޒަންކުރުން ކަމަށެވެ. ހަމައެފަދައިން، ބައިނަލްއަޤުވާމީ މުއާހަދާތަކުންނާއި، ޤައުމުތަކުގެ ޤާނޫނުއަސާސީތަކާއި ޤާނޫނުތަކުން މަސައްކަތްތެރިންނަށް ކަށަވަރުކޮށްދީފައިވާ ހައްޤުތައް ފުރިހަމައަށް ލިބިދިނުމަށް ބާރުއެޅުން ކަމަށެވެ.

މިދިޔަ ހަތަރު އަހަރެއްހާ ދުވަހަކީ، ރާއްޖޭގައި ވަޒީފާ އަދާކުރާ މަސައްކަތްތެރިންގެ ހައްޤުގައި، ދިވެހި ސަރުކާރުގެ ފަރާތުން މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ދުވަސްތަކެއްކަން ޚިތާބުގައި ރައީސް ސޯލިހް ފާހަގަ ކުރެއްވިއެވެ. މަސައްކަތްތެރިންގެ ހައްޤުގައި ސަރުކާރުން މިއަދު ތަންފީޒު ކުރަމުން އަންނަ އެންމެ މުހިންމު ސިޔާސަތަކީ، މުވައްޒަފުންގެ މުސާރައަށް އެކަށީގެންވާ ހެޔޮ ބަދަލެއް ގެނައުން ކަމަށް ވިދާޅުވިއެވެ.

"ސަރުކާރުން ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތަކީ، މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށާއި، މުވައްޒަފުންގެ މެދުގައި ހުރި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ކުރަމުން އަންނަ ވަރަށް މުހިންމު މަސައްކަތެކެވެ. ސަރުކާރުގެ މުސާރަތަކަށް މި ގެންނަ ހެޔޮ ބަދަލުތަކަކީ، އެންމެ އެކަށީގެންވާ ބަދަލުތައް ކަމަށް ނުވިޔަސް، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ސިވިލް ސަރވިސްގެ މުސާރަތަކަށް، ނިސްބަތުން މިހާ ބޮޑު ބަދަލެއް އަންނަ ފުރަތަމަ ފަހަރެވެ." ރައީސް ސޯލިހް ވިދާޅުވިއެވެ.

މަސައްކަތްތެރިންގެ ޙައްޤުގައި ކުރަންޖެހޭ ކިތަންމެ ކަމެއް އަދިވެސް ހުރިކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ އެކަންކަން ކުރުމުގައި ސަރުކާރުން ދެމި އޮންނާނެ ކަމަށެވެ.

މަސައްކަތްތެރިންގެ ހައްޤުތައް ފުރިހަމައަށް ލިބިދިނުމަށް ސަރުކާރުން މަސައްކަތް ކުރަނީ ވަރަށް އިންސާފުވެރި ސިޔާސަތެއްގެ ދަށުން ކަމަށާއި އެގޮތުން ދޭސީންނާއި ބިދޭސީން ފަރަގުކުރުމެއް ނެތި، ހުރިހާ މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރުކޮށްދެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

"މިފަދަ މުހިންމު ދުވަހެއް ފާހަގަކުރާއިރު، ޕްރައިވެޓް ސެކްޓަރގެ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާ މީހުންގެ ހައްޤުތައް ވެސް، އެމީހުންގެ އިންސާނީ ކަރާމާތާއި، ޤާނޫނީ ގޮތުން ލިބެންޖެހޭ ހައްޤުތަކަށް އުނިކަމެއް ނާންނާނެ ގޮތެއްގެ މަތިން ލިބިދިނުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ މަސައްކަތްތެރިންނަށް ހޯދައިދެވޭ ކޮންމެ ރަނގަޅަކީ ދިވެހި ރައްޔިތުންނަށް ހޯދައިދެވޭ ރަނގަޅެއް ކަމަށެވެ. އަދި ޤައުމުގެ ލާބަޔާއި މަންފާއަށްޓަކައި ކުރާ މަސައްކަތުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އަދިވެސް އިތުރަށް ދެއްވުމަށް ރައީސް ސޯލިހް އިލްތިމާސް ކުރައްވާފައިވެއެވެ.