Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

އިމްރާންގެ ބާރުހިނގާ ތަނެއްގައި ޔާމީން ބެހެއްޓުމަކީ ކަންބޮޑުވާ ކަމެއް

އަހުމަދު ޝިޔާމް - ފޮޓޯ: މަޖިލިސް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ބާރު ހިނގާ މުއައްސަސާއެއްގެ ބެލުމުގެ ދަށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބެހެއްޓުމަކީ ކަންބޮޑުވާކަމެއް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވެފައިވަނީ މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓަކަށް ރައްދުދެއްވައެވެ.

މިނިސްޓަރު އިމްރާންގެ ޓްވީޓްގައި ބުނެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރިކަމާއި ޖައްބާރުކަމުން ދިވެހިން ސަލާމަތްކުރެވުނީ "މޭޑޭ"ގައި ދިވެހިން ދެއްކި އެއްބައިވަންތަކަމާ ކުރި ހިތްވަރުގެ މައްޗަށް ބިނާކުރެވުނު މަސައްކަތުން ކަމަށެވެ.

އެ ޓްވީޓަށް ރައްދު ދެއްވާ ޝިޔާމް ވިދާޅުވި މިނިސްޓަރު އިމްރާންގެ ބާރުހިނގާ މުއައްސަސާއެއްގެ ބެލުމުގެ ދަށުގައި ރައީސް ޔާމީން ދައުލަތުން ބެހެއްޓުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާކަމެއް ކަމަށެވެ.

"މީނާގެ ބަސްމަގު ގެންގުޅޭގޮތުން ކޮންމެފަދަ ކަމެއްވެސް ރައީސް ޔާމީނަށް ކޮށްފާނެ. މަޤާމު ހޯދާށާ މަޤާމުގެ ދިފާޢުގައި ހަމަކޮށްމެފަދަ ކަމެއްވެސް މީނާ ކޮށްފާނެ." ޝިޔާމްގެ ޓްވީޓްގައިވެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ވ. އާރަށުގެ މައްސަލައިގައި މަނީ ލޯންޑްރިން އަދި ރިޝްވަތު ނެގުމުގެ ކުށް ސާބިތު މިވަގުތު ރައީސް ޔާމީން އަންނަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދިވެސް ހިޔާނާތާ ގުޅޭ އިތުރު މައްސަލަތަކެއްގެ ޝަރީއަތް އަންނަނީ ހިނގަމުންނެވެ.