Last Updated: July 21, 18:02
Tuesday, July 21, 2026
ދުނިޔެ

ޖެކް މާ ޔުނިވަސިޓީއެއްގެ ޕްރޮފެސަރަކަށް

ދެހާސް ވިހިން ފެށިގެން "ނިޒާމުން ގެއްލުނު" ޗައިނާގެ މަޝްހޫރު މަހުޖަނު ޖެކް މާ މިހާރު ޖަޕާނުގެ ޓޯކިއޯ ކޮލޮޖްގެ ވިޒިޓިން ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިކަން މިއަދު އިއުލާންކޮށް އެ ކޮލެޖް ހިންގާ ޓޯކިއޯ ޔުނިވަސިޓީން ބުނީ ޓޯކިއޯ ކޮލޮޖްގެ ވިޒިޓިން ޕްރޮފެސަރެއްގެ ގޮތުގައި މި އަހަރުގެ އޮކްޓޯބަރާ ހަމައަށް ޖެކް މާ މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި އޭނަ ބޭނުންވެވަޑައިގަންނަވާ ނަމަ އެގްރިމަންޓްގެ މުއްދަތު އަހަރުން އަހަރަށް އާކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެތަނުން ބުންޏެވެ.

ޗައިނާގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނި ބޮޑު ވިޔަފާރިވެރިއެއްގެ ގޮތުގައި އާންމުންގެ ތެރޭގައި މަޝްހޫރުވުމުގެ ކުރިން ވެސް އަލީބާބާ ކުންފުނީގެ ބާނީ އަކީ ޓީޗރެއްގެ ގޮތުގައި ތައުލީމީ ދާއިރާގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އެގޮތުން ޗައިނާގެ ހެންގްޒޫ ސިޓީގެ ޔުނިވަަސިޓީގައި އިނގިރޭސި ޓީޗަރެއްގެ ގޮތުގައި ޖެކް މާ މަސައްކަތް ކުރެއްވި އެވެ.

މިހާރު އުމުރުން 58 އަހަރުގެ ޖެކް މާ، ޓޯކިއޯ ކޮލެޖްގެ ވިޒިިޓިން ޕްރޮފެސަރެއްގެ ގޮތުގައި އެކިއެކި ރިސާޗް ދާއިރާތަކަށް ލަފާ ދެއްވައި މެނޭޖްމަންޓާއި ބިޒްނެސް ސްޓާޓަޕް ފަދަ ދާއިރާތަކުން ލެކްޗާތައް ދެއްވާނެ އެވެ.

ހެންގްޒޫ ނޯމަލް ޔުނިވަސިޓީން ބެޗްލާ އޮފް އާޓްސް އިން ގްރެޖްއޭޓްވެވަޑައިގެންފައިވާ ޖެކް މާ އަކީ މިހާރު ޗައިނާގައި ފަސް ވަނަ އަށް އެންމެ މުއްސަނދި މީހާ އެވެ. ތިން ކުދިންގެ ބައްޕަގެ މިލްކިއްޔާތަކީ 34.1 ބިލިއަން ޑޮލަރެވެ.